ކުޅުދުއްފުށި ސިޓީގައި ބޯޓުތަކަށް ޑޮކްޔާޑެއް ހަދައި، ބަނދަރަށް ބޭރުގެ ބޮޑެތި ބޯޓުތަކަށް ކައިރި ކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯޯ މުހައްމަދު ވަޖީހު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވަޖީހު ވިދާޅުވީ ކުޅުދުއްފުށީ ބަނދަރަށް ބަދަލުތައް ގެނެސް، އެ ތަނުން ރައްޔިތުންނަށް މަންފާ ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން އެ ސިޓީގައި ކުރަން ރާވާފައިހުރި ކަންތައްތަކުގެ ތެރޭގައި ބޯޓުޔާޑެއް ހެދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޯޓުޔާޑުގެ މަސައްކަތް އަޅުގަނޑުމެން ބަހާލަނީ ދެ ބަޔަކަށް. އެއް ބަޔަކީ ފައިބަރު މަސައްކަތް. ފައިބަރު މަސައްކަތަށްޓަކައި ހއ. ކުޅުދުއްފުށީ ޕޯޓުގައި މިހާރު އިމާރާތް ހަދައި ނިމިފައި ވަނީ. މިމަހުގެ ފަހުކޮޅު އެތަނުގައި ބޯޓު ބިލްޑިން މަސއްކަތް ފެށޭނެ، ދެން އޮތީ ދަގަނޑުން ބަންނަ އެއްޗެހި، މިސާލަކަށް ޓަގު ވިޔަސް ބާޖު ވިޔަސް އަދި އެހެނިހެން ދަގަނޑުގެ ބޯޓުފަހަރު ވިޔަސް އެ މަސައްކަތް ކުރާނީ ތިލަފުށީގައި،" ވަޖީހު ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ހަދާ ބޯޓުޔާޑާއެކު ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ލިބި، އިގުތިސާދީ ހަރަކާތްތަކާއެކު ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޯޓުތައް މަރާމާތު ކުރުމަށް ޑޮކްޔާޑެއް ގާއިމުކުރުމަކީ ކުޅުދުއްފުށީގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި އެހެންވެ، ޑޮކްޔާޑެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
"އެ ޑޮކްޔާޑް ހެދުމުގެ މަސައްކަތަށް އަޅުގަނޑުމެން މިހާރު ބިމެއް ފާހަގަކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. އަދި މުޅިން އެކަންކަން ނުނިމޭތީ އަޅުގަނޑުމެންނަށް ކުޅުދުއްފުށީގައި ސީދާ ކޮންތާކު ކަމެއް އެކަން ކުރާނީ ކޮން އޭރިއާއެއް ކަމެއް ނޭނގޭ. އެހެން ނަމަވެސް ކައުންސިލާއެކު ވާހަކަ ދައްކަމުން މިގެންދަނީ ވީހާ އަވަހަކަށް ޑޮކްޔާޑެއް ގާއިމުކުރެވޭނެ ތަނެއް ހޯދޭތޯ،" އޭނާ ވިދާޅުވިއެވެ.
އެއާއެކު ވަޖީހު ވިދާޅުވީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދު ތިލަވުމުން ބޭރުގެ ބޯޓުފަހަރަށް ގާތް ނުކުރެވޭ ކަމަށެވެ. އެހެންވެ، އެ ސަރަހައްދު ފުންކޮށް، ބޭރުގެ ބޯޓުފަހަރަށް ކައިރި ކުރެވޭ ގޮތް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ މި ކަންކަން ކުރެވިގެންދިޔައިމަ އެއީ ކުޅުދުއްފުށީ ޕޯޓަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" ވަޖީހު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ވިޔަފާރި ބަނދަރަށް 2020ގައި އިންޑިއާގެ ކޮޗިންއިން ކާގޯ ފެރީގެ ޚިދުމަތް ފެށިއެވެ. ނަމަވެސް އެ ބަނދަރަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން 1000 ޓަނުގެ ބޯޓުތަކަށެވެ. އެއަށްވުރެ ބޮޑު ބޯޓެއް އެ ޕޯޓަށް މުދާ ހިފައިގެން ގޮސްފިނަމަ މުދާ ހުސްކުރަން ޖެހެނީ ބޭރުގައި ބާއްވައިގެން ބާޖަކަށް ނޫނީ ދޯންޏެއް ބޭނުންކޮށްގެން ކަމަށް މީގެ ކުރިން އެމްޕީއެލްއިން ބުނެފައިވެއެވެ.
އެހެންވެ، ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ވެސް އެމްޕީއެލުން ބުނެފައިވެއެވެ.