ރަޝިއާގެ ރައީސް، ވުލަމީޑިއާ ޕޫޓިން ބައިނަލްއަގްވާމީ ހައްޔަރު ކުރުމުގެ އަމުރަކާ ޚިލާފުވެ، އޮކްޓޯބަރު މަހު ބާއްވާ މެކްސިކޯގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިނަމަ، ޕޫޓިން ހައްޔަރު ކުރުމަށް ޔޫކްރެއިން އެދުމުން، މެކްސިކޯގެ ރައީސް އެކަމާ ދެކޮޅު ހައްދަވައިފިއެވެ.
"އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭނެ. އެއީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން،" މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ޔޫކްރޭންގައި ހުންނަ މެކްސިކޯ އެމްބަސީން ނެރުނު ބަޔާނެއްގައި ޔޫކްރެއިން އިން އެދުނީ އަންނަ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މެކްސިކޯގެ އިންތިޚާބީ ރައީސް ކްލޯޑިއާ ޝެއިންބަމް ހުވާކުރުމުގެ ރަސްމިއްޔާތުގައި ޕޫޓިން ބައިވެރިވެއްޖެނަމަ ހައްޔަރުކޮށްދިނުމަށެވެ.
އެ ބަޔާނުގައި ބައިނަލްއަގުވާމީ ހައްޔަރު ކުރުމުގެ އަމުރެއް ކަމަށް މެކްސިކޯއިން އިޝާރާތްކޮށްފައި ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ޕޫޓިން ހައްޔަރު ކުރުމަށް ނެރުނު އަމުރަށެވެ.
ޕޫޓިން ހައްޔަރު ކުރުމަށް އައިސީސީން މިދިޔަ އަހަރު އަމުރެއް ނެރެފައި ވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު ޔޫކްރެއިނަށް ހަމަލާދީ ޔޫކްރޭނުން އެތައް ސަތޭކަ ކުދިންނެއް ގަވާއިދާ ހިލާފަށް ރަޝިއާއަށް ގެންދިއުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ މައްސަލައިގައެވެ.
ރަޝިއާ އަކީ އައިސީސީގެ މެމްބަރެއް ނޫންނެވެ. ނަމަވެސް މެކްސިކޯއަކީ އައިސީސީގެ މެމްބަރު ގައުމެކެވެ.
ޝެއިންބަމްގެ ޓީމުން ވަނީ މެކްސިކޯއާ ޑިޕްލޮމެޓިކް ގުޅުން ބާއްވާ ހުރިހާ ގައުމުތަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އަރުވައިފައެވެ. އެގޮތުން ރަޝިއާ އަކީވެސް މެކްސިކޯއާ ޑިޕްލޮމެޓިކް ގުޅުން ބާއްވަ ގައުމެކެވެ.
ޝެއިންބަމް ރައީސް ކަމަށް އިންތިޚާބުވުމުން ޕޫޓިން ވަނީ މަރުހަބާވެސް ދަންނަވައިފައެވެ.