ގިނަ ބަައެއްގެ މަގުބޫލުކަން ހޯދާފައިވާ ކައްކާ ޝޯ "މާސްޓާ ޝެފް މޯލްޑިވްސް" ރާއްޖޭގައި ބޭއްވުމަށް އަނެއްކާ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން އިއުލާނުކުރައްވާފައި ވަނީ މިއަދު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ. މި ޝޯއާ ގުޅުން ހުރި އިތުރު ތަފުސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކައްކާއިންނަށް 35،000 ޑޮލަރުގެ އުޖޫރައެއްދޭ ރިސޯޓުތައް ރާއްޖޭގައި ހިންގާ ކަމަށެވެ.
އެގޮތުން، ކައްކާ ދާއިރާ ރާއްޖޭގައި ކުރިއަރުވަން ޖެހޭކަމަށާއި ކައްކާއިންގެ ގޮތުގައި މަސައްކަތްކުރާ ދިވެހިން އިތުރު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝެފުންގެ އިތުރުން ޖެނެރަލް މެނޭޖަރުންނާއި، ޑައިރެކްޓަރުންނާއި، އޮޕަރޭޝަންގެ މާގަމަށް ދިވެހިން އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ޚާއްސަ ތަމްރީނުތަކެއް ދީގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކެޕްޝަން.. މާސްޓާ ޝެފް ޝޯއެއްގެ ތެރެއިން: ރާއްޖޭގައި އަންނަނީ މި ޝޯ ބޭއްވުމަށް މަސައްކަތް ކުރަމުން ---- ފޮޓޯ/ އިޒަބެލް ތައިކެ
އަޅުގަނޑު ވަރަށް އަވަހަށް ޕީއެސްއެމްއާއެކު މަޝްވަރާ ކުރާނަން މިކަމަށް އިންޓްރެސްޓް އުފެއްދުމަށްޓަކައި މާސްޓަ ޝެފް ޝޯ ރާއްޖެއަށް ގެންނަން. ބައެއް ރިސޯޓުތަކުގެ ބޭފުޅުންނާ މިހާރު މަޝްވަރާ ވެސް ކޮށްފިން. ބައެއް ބޭފުޅުން ވިދާޅުވި މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށްޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް
މީގެއިތުރުން، ފައިސަލް ވިދާޅުވީ، އެފަދަ ޝޯއެއް މެދުވެރިކޮށް ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރެވޭނެ ކަމަށާއި ޕްރޮފެޝަނަލް ކައްކާއިން އިތުރުވުމަށް މަގުފަހިވާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މިހާރު ގިނަ ދިވެހިން އުޅެނީ އާދައިގެ ވަޒީފާތަކުގައި ކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، 3000އާއި 4000ޑޮލަރާ ދެމެދުގެ މުސާރައެއް ލިބޭ ވަޒީފާތަކުގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މާސްޓާ ޝެފަކީ އެކި ގައުމުތަކުގެ ކައްކާއިން ބައިވެރިވާ، އިނގިރޭސި ވިލާތުން އުފަން ކުރުވި ކައްކާ ރިއަލިޓީ ޝޯއެކެވެ. މި ޝޯ ރާއްޖެއަށް ތައާރަފްކުރުމަށްޓަކާ 2020ވަނަ އަހަރުގެ ކުރީކޮޅު ޕީއެސްއެމްއިން ޝޯ އިފްތިތާހު ވެސް ކުރިއެވެ.
ކައްކާ ޝޯ "މާސްޓާ ޝެފް މޯލްޑިވްސް" ޕީއެސްއެމްއިން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އޭރު ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދު -- ފޮޓޯ/ ޕީއެސްއެމް
ޝޯ އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވީ، އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޝޯ ދައްކަން ފެށޭނެ ކަމަށެވެ.
ނަމަވެސް، ކޮވިޑުގެ ސަބަބުން އެ މަސައްކަތްތައް ހުއްޓުމަކަށް އައުމަށްފަހު މިއަދާ ހަމައަށް ވެސް އޮތީ އެ ޝޯގެ މަސައްކަތް ނުފެށިއެވެ.