ސީނުކަރައިން ރާއްޖެއަށް: ޖަޒީރާ ތަރައްގީއާއި ގައުމިއްޔަތުގެ ފިލާވަޅެއް

ޗައިނާގެ މިއުޒިއަމެއްގައި އެންމެ ކުރީގެ ކްލާސްރޫމެއް ދައްކުވައިދޭ ގޮތަށް ހަދާފައިވާ ނަކަލެއް -- ސަން ފޮޓޯ

"ޖީޑީޕީއާއި އިގުތިސާދީ ނަންބަރުތަކާ މަތިވުން އެއީ ހުރިހާ ކަމެއްގެ ހައްލެއް ނޫން،"

މިއީ ސީނުކަރައިގެ ފޫޖިއަން ޕްރޮވިންސަށް ދިވެހި ނޫސްވެރިން ގެންގޮސް، އެ މީހުން އެންމެ ބޮޑަށް އެންމެ ގިނައިން ބުނެދިން އެއް ވާހަކައެވެ. އެކަކަށް ވުރެ ގިނަ ބޭފުޅުން، އެކަކަށްވުރެ ގިނަ ފަހަރު ވިދާޅުވެދިން ވާހަކައަކީ ތަރިކައާއި ތާރީޚާއި ސަގާފަތާ އެކުގައި ތިމާވެށީގެ އަސްލު ވެސް ނުގެއްލޭނެ ގޮތަކަށް ތަރައްގީ ގެނައުމުގެ މުހިންމު ކަމެވެ.

ސީނުކަރައިގެ އިރު ދެކުނުގައި އޮންނަ ފޫޖިއަން ޕްރޮވިންސަށް ޖުމުލަ ނުވަ މީޑިއާއަކުން ނޫސްވެރިން ގެންދިޔައެވެ. އެ ދަތުރުގައި އިސްވެރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ރައީސް އޮފީހުގެ އިސް ތަރުޖަމާނު އަދި މޯލްޑިވްސް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯކަން ވެސް ކުރައްވާ ހީނާ ވަލީދު ވެސް ވަޑައިގަތެވެ.

އެ ޕްރޮވިންސްގެ ތިން ސިޓީއަކަށް ނޫސްވެރިން ގެންދިޔައެވެ. ގަދީމީ ސަރަހައްދުތަކާއި އެ ގައުމުގެ ތަރިކައާއި ތާރީޚު ރައްކާ ކޮށްފައި ހުރި ތަންތަން ދެއްކިއެވެ. ތިމާވެއްޓާ އެކުއެކީގައި އެ މީހުން ގެނައި ތަރައްގީގެ ފޮނި މީރުކަމުގެ ރަހަލާ ވަރަށް އެ ތަންތަން ކައިރިން ދެއްކިއެވެ.

އެންމެ ފުރަތަމަ މިދިޔަ މަހުގެ 31 ގައި ނޫސްވެރިންގެ ގެންދިޔައީ އެ ގައުމުގެ އެންމެ 'އީކޯ ފްރެންޑްލީ' އެއް ސިޓީ ކަމަށްވާ ޝިއާމެން ސިޓީއަށެވެ. ރާއްޖެއަށް ފެށި ޝިއާމެން އެއާލައިންސްގެ ޑައިރެކްޓް ފްލައިޓުގައި އެ ސަރަހައްދަށް ދެވުނީ އަށް ގަޑިއިރުންނެވެ. އެކަމަކު، މަޑުނުޖެހި ފުރަތަމަ ވެސް ދިޔައީ އެ ތަނުގެ ރީތިކަން ބަލާށެވެ.

ދިވެހި ނޫސްވެރިން ޗައިނާގެ ފޫޖިއަން ޕްރޮވިންސަށް ކުރި ހަ ދުވަހުގެ ތަޖުރިބާ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް --

އެ ތަނުގެ ފެހިކަމާއި ގުދުރަތީ ރީތިކަން ފެނިފައި އާޝޯހުވިއެވެ. އެކަމަކު، އެއަށް ވުރެ މޮޅަށް އެ މީހުން އެ ތަނުގައި ކުރި ކަމަކީ އަދި ދިވެހީންނަށް ދައްކަން ބޭނުންވި ނަމޫނާއަކީ ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތަށް އެ ތަނަށް އެ މީހުން ގެނެސްފައި އޮތް ބިޔަ ބޮޑު ތަރައްގީއެވެ. އުސް އިމާރާތްތަކާއި އިންފްރާސްޓްރަކްޗާއާ އެކު ވެސް ތިމާވެއްޓަށް ދީފައި އޮތް އަހައްމިއްޔަތު ކަމެވެ.

އޭގެ ފަހުން ދިޔަ ޕިންގްޓަން ސަރަހައްދާއި އިތުރު ދެ ސިޓީން ވެސް ފެނުނީ އެ ނަމޫނާއެވެ.

ރާއްޖޭގައި ހުންނަ ސީނުކަރައިގެ އެމްބަސީއާއި ފޫޖިއަން ޕްރޮވިންސުން ގުޅިގެން ކުރިއަށް ގެންދިޔަ މި ދަތުރުގައި އެ ސަރަހައްދުގެ ތަރައްގީ ގެނައި ގޮތާއި އެ މީހުންގެ އިގުތިސާދީ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

އެ މީހުން ބޭނުންވަނީ އެ ތަނުން ފެނުނު މަންޒަރުތައް ދިވެހީންނަށް ބުނެދޭށެވެ. އެންމެ ބޮޑު ސަބަބަކީ އެ ސަރަހައްދަކީ ވެސް އައްސޭރި ފަށުގައި ރާއްޖެއާ ވައްތަރު ގޮތަކަށް އުފެދިފައި އޮތް ސަރަހައްދަކަށްވުމެވެ.

ޗައިނާގެ ސިޓީއެއް މިހާރު އޮތްގޮތް ދައްކުވައިދޭ މޮޑެލްއެއް: މި ފަދަ މޮޑެލްތައް ކޮންމެ ސިޓީއެއްގައި ވެސް ހުރޭ -- ސަން ފޮޓޯ

"ޖީޑީޕީއާއި އިގުތިސާދަކީ ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމެއް. އެކަމަކު، އެއާ އެއްވަރަށް ތާރީޚާއި ސަގަފާތާއި ތިމާވެއްޓާ ގުޅޭ ދެމެހެއްޓެނިވި ތަރައްގީ ވެސް މުހިންމު،" އެ ޕްރޮވިންސުން އެންމެ ބާރަށް އެންމެ އަޑުހަރުކޮށް ބުނެދިން ހަގީގަތަކީ މިއެވެ.

ގައުމިއްޔަތު ދިރުވުމަކީ މިއީ

ސީނުކަރައަށް ދިވެހި ނޫސްވެރިން ކުރި ދަތުރުގައި ދިޔަ ހުރިހާ ސިޓީއަކުން ވެސް ސަރަހައްދުތަކަކުން ވެސް ފެނުނީ އެ މީހުންގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ތާރީޚު ހިމާޔަތްކުރަން އެ ގައުމުގެ ރައީސް ޝީ ޖިން ޕިން ދެއްވާ އަހައްމިއްޔަތު ކަމެވެ.

އޭގެ އެންމެ މުހިންމު އެއް މިސާލަކީ "ތްރީ ލޭންސް ސެވަލް އެލީސް" ސަރަހައްދެވެ.

އެންމެ ކުރީގައި މުއްސަނދި ބޭފުޅަކު އުޅުއްވި ކަމަށް ބުނާ ގެއެއް، ޗައިނާގެ ފޫޖޯ ޕްރޮވިންސްގައި ހުންނަ 'ތްރީ ލޭންސް ސެވަން އެލީސް'ގައި: މި ތަން ވަނީ އަސްލު ނުގެއްލޭ ގޮތަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަރައްގީކޮށްފައި -- ސަން ފޮޓޯ

އެއީ، ގަދީމީ ޒަމާނުގައި އެ ސަރަހައްދުގެ ވެރިންނާއި ބުއްދިވެރި މުއްސަނދި މޮޅު މީހުން އުޅުނު ކަމަށް ބުނެވޭ ސަރަހައްދެކެވެ. އެ ތަނުގައި ގަދީމީ ބޮޑެތި ގެތައް 100 އެތައް އަހަރެއް ކުރިއެކޭ އެއްގޮތަށް އަދިވެސް އެބަހުއްޓެވެ.

މީގެ 20 ވަރަކަށް އަހަރު ކުރިން ވެސް ބޮޑެތި ވިޔަފާރި ވެރިން އެ ސަރަހައްދަށް އިންވެސްޓްކުރަން ބޭނުންވިއެވެ. އެ ތަން އޮންނަ ސަރަހައްދުގެ ގޮތުން އެތައް ވިޔަފާރިވެރިންނަށް އެ ސަރަހައްދު ގަންނަން ނުވަތަ އެ ތަނުގައި ބޮޑެތި އުސް އިމާރާތްތައް އަޅަން ބޭނުންވެފައި އެބަތިއްބެވެ. އެކަމަކު، އެ ގައުމުގެ ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފެވެ. އެއީ އުސް އިމާރާތްތަކާއި 'ތަރައްގީ' ގެނެސްގެން އެ ތަނުގެ މުއްސަނދި ތާރީޚު ފުހެލަން ބޭނުންނުވާ ކަމެވެ.

އެ ސަރަހައްދުގައި އޭރުގެ ގަދަރުވެރި ބޭފުޅުން އުޅުއްވި ބޮޑެތި ގަނޑުވަރުތައް ފަދަ ގެތައް ދިވެހި ނޫސްވެރިންނަށް ދައްކައިލިއެވެ. އެ ގެތަކުގެ ރީތިކަމާއި މޮޅުކަމުގައި ލޮލުން ދެކެ އަތުން ވެސް ހިފީމެވެ.

އެ ގައުމުގެ ސިޓީއެއް މީގެ 2،000 އެއްހައި އަހަރު ކުރިން އޮތް ކަމަށް ބެލެވޭ ގޮތް ދައްކުވައިދޭ ކުރެހުންތަކާއި ތްރީޑީ މޮޑެލްއެއް: މި ފަދަ މޮޑެލްތައް އެ ގައުމުގެ ކޮންމެ ސިޓީއެއްގައި ވެސް ފަތުރުވެރިންނަށް ފެންނާނެ މިއުޒިއެމްތަކުގައި ހުރޭ -- ސަން ފޮޓޯ

އެންމެ ބޮޑަށް ފާހަގަވީ ކަމަކީ އަސްލު ނުގެއްލޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު އެ ތަން ހިމާޔަތްކުރަން އެ މީހުން އިސްކަންދޭ ދިނުމެވެ. ކޮންމެ ގެއެއްގެ ތެރޭގައި ވެސް އެ ގެއާ ބެހޭ ލިޔެކިޔުންތަކާއި އެ ތަނުގެ ހަގީގަތް ފަސޭހައިން ބަލައިލެވޭނެ ގޮތަށް ތްރީޑީ ކުރެހުންތަކާއި ބުދުތަކާއި ވީޑިއޯތައް ވެސް ހުރެއެވެ. އެ ތަނަށް ބަލައިލަން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހޫނުނުވާނެ ގޮތަށް ފިނިކުރެވޭނެ އިންތިޒާމުތައް ވެސް ހުރީ ހަމަޖައްސައިފައެވެ. އެ މީހުން އެ ހުރިހާ ކަމެއް ކޮށްފައި ހުރީ ތަނުގެ އަސްލަށް ގެއްލުން ނުވާނެ ގޮތަށެވެ.

އެކަމަކު، އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަނުގެ ރީތިކަމާއި ތަނުގެ ހަގީގަތް ފަސޭހައިން ފެންނާނެ ގޮތަށެވެ.

އެ ގަނޑުވަރުތަކުގައި އުޅުއްވި ބޭބޭފުޅުން އިންދެވި ގަސްތަކާއި ކުރެއްވި ކަންކަން ވެސް އެ މީހުން ހުރީ ރައްކާ ކޮށްފައެވެ. އެ ސަރަހައްދުތަކުން ފެނުނު ފާޑުފާޑުގެ ޖަވާހިރުތައް ވެސް އެ ގަނޑުވަރުތަކުގެ ތެރޭގައި ފަތުރުވެރިންނަށް ދައްކަން ޑިސްޕްލޭކޮށްފައި ހުރެއެވެ.

ގަދީމީ ގެއެއްގެ ތެރޭގައި އެ ގެއިން ފެނުނު ތަކެއްޗާއި އެ ތަކެއްޗާ ބެހޭ މައުލޫމާތު އެ މީހުންގެ ގައުމި ބަހުން ލިޔެ ރައްކާކޮށްފައި: އެ ތަންތަން ހުންނަނީ ފަތުރުވެރިން ގަޔާވާނެ ގޮތަށް އަސްލު ނުގެއްލޭ ގޮތަށް ތަރައްގީކޮށްފައި -- ސަން ފޮޓޯ

ހަމައެކަނި އެ ސަރަހައްދެއް ނޫނެވެ. އެއްވެސް ސިޓީއަކުން ވެސް އަދި ސަރަހައްދަކުން ވެސް އެ މީހުން ސަގާފަތާއި ތަރިކަ ނައްތާލައިފައި ހުއްޓައެއް ނުފެނެއެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ތަންތަން މިހާރު ހުރި ގޮތާއި 2،000 ނުވަތަ 3،000 އަހަރު ކުރީގައި އެ ތަންތަން އޮތް ގޮތާއި އޭރުގެ ސަގާފަތްތަކާއި މިހާރަށް ދެމިގެން އައި ސަގަފާތްތައް ވެސް ފެންނަން ހުރެއެވެ.

ތްރީޑީ މޮޑެލިންއާއި ރީކޮންސްޓްރަކްޝަންއާއި ވާޗުއަލް ރިއަލިޓީގެ އެހީގައި އެ ތަނުގެ ތާރީޚު އޮތީ އެންމެ ޒަމާނީކޮށް ރައްކާކޮށްފައެވެ. ގައުމިއްޔަތު ހިމާޔަތްކޮށްފައެވެ.

އެ ސަރަހަައްދުތަކުގައި އުޅުއްވި ކަމަށް ބުނެވޭ މޮޅެތި ލިޔުންތެރިންނާއި ދަތުރުވެރިންނާއި ތާރީޚީ އިލްމުވެރިންނާއި ރަސްރަސްކަލުންގެ މުޅި ދިރިއުޅުން މި ޒަމާނުގެ 'ޖެންޒީ' ކުދިން ވެސް ގަޔާވާނެ ގޮތަށް އެ ތަނުގައި އޮތީ ރައްކާކޮށްފައެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އޭރުގެ ގަދީމީ ދިރިއުޅުން ތަޖުރިބާކޮށްލެވެއެވެ. އެއީ، އެ މީހުން ތަރައްގީއާ އެއްވަރަށް ގައުމިއްޔަތަށް ދީފައި އޮތް އަހައްމިއްޔަތު ކަމެވެ.

އިބުނު ބަތޫތާގެ ބުދެއް: އެ މީހުން މި ފަދަ ތާރީޚީ މުހިންމު ޝަހުސިއްޔަތުތަކުގެ ތްރީޑީ މޮޑެލްތަކާއި ވީޑިއޯތައް ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ރައްކާކޮށްފައި އެބަހުރި -- ސަން ފޮޓޯ

"ރާއްޖޭގައި ބޮޑުތަކުރުފާނު ކީއްވެ މި ގޮތަށް ނުހެދެންވީ ދޯ؟" އެ ތަނަށް ދިޔަ ނޫސްވެރިން އެކަކު އަނެކަކަށް ދެއްކި ވާހަކައަކީ މިއީއެވެ.

ގައުމިއްޔަތު މިނިިސްޓްރީއެއް ހަދައިގެން ރާއްޖޭގައި ހަގީގަތުގައި ކުރަންވީ ކަމަކީ މިއީއެވެ. ކަޅުއޮއްފުންމިއާއި ބޮޑު ތަކުރުފާނު ޒިޔާރަތާއި އެ ނޫން ވެސް ތާރީޚީ ކަންކަން މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި ރައްކާކުރަން ޖެހެއެވެ. ނޫން ނަމަ، އެ ތާރީޚު ނެތި ހިނގައިދާނެއެވެ. ފަހުގެ ޖީލުތަކަށް ބުނެދެވޭނެ، އަދި ފަސޭހައިން އެނގޭނެ އަދި ޚާއްސަކޮށް އެ މީހުން ޝައުގުވެރިވާނެ ގޮތްތަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ތާރީޚު ވެސް ޑިޖިޓަލްކުރަން ޖެހެއެވެ.

ތަރައްގީއެއް ނޫން، ދެމެހެއްޓެނިވި ތަރައްގީ

ތަރައްގީ އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. އެއްބައި މީހުންނަށް ތަރައްގީއަކީ އުސް އިމާރާތްތަކާއި ބުރިޖުތަކާއި މަގުތަކެވެ. އަނެއް ބަޔަކަށް ތަރައްގީއަކީ ކަންކަން ފަސޭހަވުމެވެ.

ޗައިނާގެ ޝިއާމެން ސިޓީގެ ބުރިޖުތަކާއި އުސް އިމާރާތްތަކާ އެކު ފެހި ކަމާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ފޮޓޯއެއް: އެ ސިޓީއަކީ މުޅި ޗައިނާގައި ވެސް އެންމެ އީކޯ ފްރެންޑްލީ އެއް ސިޓީ، އެ ތަނަށް ރާއްޖެއިން މިހާރު ޑައިރެކްޓް ފްލައިޓްތައް ބާއްވާ -- ސަން ފޮޓޯ

އެކަމަކު، ސީނުކަރައިގެ ފޫޖިއަން ޕްރޮވިންސްގެ ޝިއަމެން ސިޓީ، ޖިންޖިއާން ސިޓީ، އަދި ފޫޖޯ ސިޓީން ވެސް ފެނުނީ އެއް މަންޒަރެކެވެ. އެއީ، ދެމެހެއްޓެނިވި ތަރައްގީއެވެ. ތިމާވެއްޓާއި ކޮންކްރީޓާއި ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާއި މި ކަންކަމުގައި ގެންގުޅޭ ބެލެންސެވެ. އެއީ، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މިސާލު ނެގޭނެ ފެންވަރުގައި އެ މީހުން ކޮށްފައި އޮތް ލާމަސީލު މަސައްކަތެކެވެ.

އެކަން ކުރީ ކިހިނެއް؟

ރާއްޖެއާ ސީދާކޮށް މިހާރު ގުޅާލާފައި އޮތް ޝިއާމެން ސިޓީން އެންމެން ވެސް އާޝޯހުކޮށްލީ އެ ނަމޫނާއިންނެވެ. އެ ތަނުގެ ރީތިކަން ގެއްލުވައިނުލާ ގެނެސްފައި އޮތް ޒަމާނީ ތަރައްގީއެވެ.

އެއް ކަމަކަށް އެ މީހުން ކުރި ކަމަކީ ތިމާވެއްޓާ ރައްޓެހި ބިލްޑިން ހަމަތަކެއް ކަނޑައެޅުމެވެ.

ހުރިހާ އިމާރާތެއްހެން ބިނާކޮށްފައި ހުރީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުވާނެ ގޮތަށެވެ. އެނާޖީ އެފިޝެންސީއާއި ހަކަތަ ސަލާމަތްކޮށްދޭ ލައިޓުތަކާއި އިއާދަކުރަނިވި ހަކަތައިން ބޭނުންކުރެވޭނެ އެންމެ ފަހުގެ ވަސީލަތްތައް އެ ސިޓީގެ ކޮންމެ ދިމާއަކުން ވެސް ފެނެއެވެ.

ޝިއާމެން ސިޓީގެ ފެހިކަން ދައްކުވައިދޭ ފޮޓޯއެއް: އެ ސިޓީއަކީ ފެހިކަމާއި ދެމެހެއްޓެނިހި ތަރައްގީގައި ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މިސާލު ދައްކާ ސިޓީއެއް -- ފޮޓޯ/ ޗައިނާ ޑެއިލީ

އަނެއް ކަމަކަށް އެ ކައިރީގައި ޕާކެއް ނޫނީ އެ ނޫން ވެސް ފެހިކަމެއް ނެތް ހިސާބަކަށް އުޅެއުޅެ ވެސް ނުދެވުނެވެ. ކޮންމެ ހިސާބެއްގައި ވެސް އާންމުންނާއި ކުޑަކުދިންނަށް ހިތްހަމަޖައްސާލެވޭ ގޮތަށް ފެހިކަންގަދަ ޕާކުތަކާއި ފެހިކަން ގަދަ ސަރަހައްދުތައް ހުރެއެވެ.

މައިގަނޑަކަށް އިލެކްޓްރިކް ކާރު

ފޫޖިއަން ޕްރޮވިންސްގެ މަގުތަކުން އަޅައިގެން އަނެއް ކަމަކީ ގިނަ ކާރުތަކުގެ ފަހަތު ބޯޑު ފެހި ކުލައިން ހުރުމެވެ. ވަރަށް މަދު ކާރެއްގައި ނޫ ކުލައިގައި ވެސް ހުރެއެވެ. އެ ތަނަށް ދިޔައީ ނުވަ ނޫސްވެރިންނާއި ކުރިން ނޫސްވެރިކަމުގައި އެތައް އަހަރެއް ހޭދަކުރެއްވި ހީނާއަށްވުމުން އެ ސުވާލަށް ޔަގީނަށް ވެސް ޖަވާބު ހޯދިއެވެ.

ފެހި ކުލައިގައި ބޯޑު އެ ހުންނަނީ ތިމާވެއްޓާ ރައްޓެހިވީމައެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އެ ސަރަހައްދުން އެ ނަމޫނާ ދެއްކިއެވެ. މަގުމަތީގައި މުޅިންހެން އޮތީ ތިމާވެއްޓާ ރައްޓެހި ކާރުތަކެވެ. ޖުމުލަ ހަ ދުވަހު ސީނުކަރައިގެ މައިގަނޑު ތިން ސިޓީއެއްގައި ހޭދަކޮށްފައި އައިއިރު ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ސައިކަލެއް ނޫނީ ނުދެކެމެވެ.

އެކަމަކު، އެ މީހުން ތިބީ އެ ހިސާބުން ހުއްޓާލާ ގޮތަކަށް ނޫނެވެ.

ސީނުކަރައިގެ ކުންފުންޏަކުން މިހާރު އަންނަނީ ބޮޑެތި ޓްރަކްތަކަށް ޚާއްސަކޮށް ބެޓެރީތަކެއް ތަރައްގީކުރަމުންނެވެ. ފަސް މިނެޓު ޗާޖުކޮށްލައިގެން 1،000 ކިލޯ މީޓަރަށް ދުއްވޭ ވަރުގެ ބެޓެރީއެއް އެ މީހުން އަންނަނީ ޓެސްޓްކުރަމުންނެވެ.

ޝިއާމެން ސިޓީގެ ފޮޓޯއެއް: މި ސިޓީއާ ރާއްޖެއާ ދެމެދު ޝިއާމެން އެއާލައިންސްއިން މިހާރު ސީދާ ދަތުރުތައް ކުރޭ -- ފޮޓޯ/ ސައިންސް ޑައިރެކްޓް. ކޮމް

އޮޑި ދޯނި ފަހަރު ވެސް ބެޓެރިން ދުއްވަން އެ މީހުން އަންނަނީ ތަހުލީލުތައް ހަދަމުންނެވެ. ކުރިއަށް އޮތް 50 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މީހުންގެ އެއް ލަނޑުދަނޑިއަކީ ބެޓެރީން ދުއްވާ މަތިންދާ ބޯޓުތައް ޓެސްޓުކޮށް، އެ ދުއްވަން ފެށުމެވެ.

ރާއްޖޭގައި ޚާއްސަކޮށް މާލޭގައި މި ކަން އޮތީ ދިމާ އިދިކޮޅަށެވެ. މަގުމަތިން އިއާދަކުރަނިވި ހަކަތައިން ދުއްވާ ކާރެއް އަތް ފުނައި އަޅައިގެން ވެސް ނުފެނެއެވެ. ގެންގުޅޭ ދެތިން މީހަކަށް ވެސް ޗާޖު ކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރުން ފަހިކޮށްދީފައެއް ނޯވެއެވެ. ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގެންގުޅޭކަށް ބާރެއް ނާޅައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ކަން ކުރާގޮތް ބަލައިގެން، ކަންކަން ދަސްކުރަން ޖެހެއެވެ. ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި މި ހަގީގަތްތަކާއި ރީތިކަން ބަލައިލަން ދިއުމުގެ ފުރުސަތު އަލަށް ޝިއާމެން އެއާލައިންސްގެ ޑައިރެކްޓް ފްލައިޓްތަކާ އެކު ކޮންމެ މީހަކަށް ވެސް އެބައޮތެވެ.

ބަލައިލައިފި މީހަކަށް އެ ތަނުން ބުނެދެނީ ޖަޒީރާ ތަރައްގީއާއި ގައުމިއްޔަތުގެ އެތައްއެތައް ފިލާވަޅެކެވެ.

comment ކޮމެންޓް