ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް މީގެކުރިން ސްކްރީނުން ފެނިފައިނުވާފަދަ މުޅީން ތަފާތު ރޯލެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މަދޫރީ އަންނަނީ ސައިކޮލޮޖިކަލް ތުރިލާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ވެބް ސިރީސްއަކަށް ތައްޔާރުވަމުންނެވެ. މި ސީރީސްގައި މަދޫރީ ކުޅެން ހަމަޖެހިފައި ވަނީ ސީރިއަލް ކިލާއެއްގެ ރޯލް ކަމަށް ރިޕޯޓުތައް ބުނެއެވެ.
"މިސިޒް ދޭޝްޕާންޑޭ"ގެ ނަމުގައި އުފައްދާ މި ވެބް ސީރީސް އަކީ ނާގޭޝް ކުކްނޫރު ޑައިރެކްޓް ކުރާ ސިރީސްއެކެވެ. ނާގޭޝް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ 2022ވަނަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު "ގުޑް ލަކް ސާކީ"އެވެ. ނާގޭޝްގެ ވެބް ސީރީސް "މިސިޒް ދޭޝްޕާންޑޭ" އަކީ ފްރާންސްގެ ސީރީސްއެއް އަސްލަކަށް ބަލައިގެން އުފައްދާ ވެބް ސީރީސްއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މަދޫރީގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް އަކީ ދަރުމާ ޕްރޮޑަކްޝަންއިން ނެޓްފްލިކްސްއަށް އުފެއްދި ސީރީސް "ދަ ފޭމް ގޭމް"އެވެ.
މަދޫރީގެ ފިލްމެއް ވެސް ބެލުންތެރިންނަށް އެންމެ ފަހުން ފެނިފައި ވަނީ މި ވެބް ސީރީސް ރިލީޒްކުރި އަހަރެވެ. އެއީ 2022ވަނަ އަހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރި ފިލްމު "މަޖާ މާ"އެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ފިލްމު "ބޫލް ބުލައްޔާ3"ގެ ވަރަށް ޚާއްސަ ރޯލަކުން މަދޫރީ ބެލުންތެރިންނަށް ފެންނާނެއެވެ. ފިލްމުތަކުން ފެނުމުގެ އިތުރުން މަދޫރީ އަކީ ކަލާސް ޗެނަލްއިން ދައްކަމުން އަންނަ ދުވަސްވީ ޑާންސް ޝޯ "ޑާންސް ދިވާނޭ"ގެ ޚާއްސަ ފަނޑިޔާރެކެވެ.