މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، މައުލޫމާތުދިނުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ މިންވަރަށް ގިނަ އިދާރާތަކުން މައުލޫމާތު ނުދިނުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާހިދު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެ ކޮމިޝަނަށް ހުށަހެޅި 214 މައްސަލައަކާއެކު މިދިޔަ އަހަރު ހުށަހެޅި، އެހެންނަމަވެސް ބަލާ ނުނިމި އޮތް 44 މައްސަލައެއް މިހާރު ބަލަމުންދާ ކަމަށެވެ. އޭގެ ތެރެއިން 115 މައްސަލައެއް މިހާރު ބަލާ ނިމިފައި ކަމަށް އާހިދު ވިދާޅުވިއެވެ.
އެ މައްސަލަތައް ބެލުމުން އެނގިގެން ދިޔައީ، ހުށަހަޅާފައިވާ މައްސަލަތަކުގެ 90 އިންސައްތައަކީ މައުލޫމާތު ދޭންޖެހޭ އިދާރާއަކުން އެއްވެސް މައްސަލައަކަށް ޖަވާބުދާރީނުވެގެން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް އާހިދު ވިދާޅުވިއެވެ. އަދި ބާކީ ހުރި މައްސަލަތަކަކީ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުން ދޭ ޖަވާބާ ދޭތެރޭ ހިތްހަމަނުޖެހިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ އާހިދު ވިދާޅުވީ އެ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން ދަނީ "މުވައްޒަފުން ތިބި ވަރަށް ވުރެ ހަ ގުނަ އިތުރު" މަސައްކަތްތަކެއް ކަމަށެވެ.
އެހެންނަމަވެސް އިދާރާތަކުން ގާނޫނާ އެއްގޮތަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރެއްވިއެވެ.
...މިއީ އަޅުގަނޑު ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑުމެންގެ މަސައްކަތްތައް ވެސް ބޮޑުވެގެން ދަނީ ގާނޫނުގެ ދަށުން އިދާރާތަކަށް ލާޒިމުކުރާ މިންވަރަށް އަމަލުނުކުރާތީ. ކޮންމެވެސް ވަރަކަށް ޖަވާބުދޭނަމަ އަޅުގަނޑުމެންނާ ހަމައަށް އަންނަ މައްސަލަތައް މަދުވެގެންދާނެ. އަޅުގަނޑުމެން އެކަންޏެއް ނޫން މައުލޫމާތު ހޯދާ ފަރާތްތަކަށް ވެސް ކުރަންޖެހޭ މަސައްކަތްތައް ކުޑަވާނެ، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު
އާހިދު ވިދާޅުވީ އެ މައްސަލާގައި އިދާރާތަކުން އެކި ސަބަބުތައް ދައްކާ ކަމަށެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ހާމަކުރާނެ ވަރަކަށް ވަސީލަތްތަކެއް ނެތްކަމަށް ބުނާ ކަމަށާއި އޭގެ ސަބަބުން މައުލޫމާތު ހާމަކުރަން ޖެހޭ މުއްދަތުގެ ތެރޭ ހާމަނުކުރެވޭ ކަމަށް ބުނާކަން ފާހަގަކުރެއްވިއެވެ.
އަދި އެއީ އާންމުކޮށް ދައްކާ ބަހަނާއެއްކަން ފާހަގަކުރައްވާ އާހިދު ވިދާޅުވީ އެ އިދާރާތަކާ ގުޅިގެން އެކަންކަން ރަނގަޅުކުރާނެ ގޮތްތަކެއް ހޯދަން އައިކޮމްއިން މަސައްކަތްކުރައްވާ ކަމަށެވެ.
އާހިދު ވިދާޅުވީ މައުލޫމާތު ހާމަނުކޮށްގެން އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާ ފަހުން އިދާރާތަކުން ޖަވާބުދީގެން އެ މައްސަލަ އަނބުރާ ގެންގޮސްފައި ވެސް އެބަހުރި ކަމަށެވެ.
އަޅުގަނޑު ހަވާލުވެގެން މިހާހިސާބަށް އައިއިރު އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު، އެ ކަށަވަރުކޮށްދިނުން ރައްޔިތުންނަށް، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު
ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާ އާހިދު ވިދާޅުވީ މައުލޫމާތު ހިއްސާ ނުކުރާ މައްސަލާގައި ކަމާ ބެހޭ ފަރާތްތަކާއެކު ރިޕޯޓެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރެވޭނީ ޖޫރިމަނާކޮށް ފިޔަވަޅު އަޅައިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އާހިދު ވިދާޅުވިއެވެ. ނަމަވެސް އެ ހިސާބަށް ގޮސްގެން އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މައުލޫމާތު ނުދީގެން މިހާތަނަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދެ މައްސަލައެއް ހުށަހަޅާފައިވާއިރު އެ އޮފީހަށް ފޮނުވަން ޖެހޭ 10 ވަރަކަށް މައްސަލަ އަދިވެސް އެބައޮތް ކަމަށް އާހިދު ވިދާޅުވިއެވެ.
އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ގާނޫނުގައި ބުނާ ގޮތުން ނަމަ 30 ދުވަހުގެ ތެރޭ ބަލައި ނިންމަންޖެހެއެވެ. އަދި ވަކި ހާލަތްތަކެއްގައި އެ މުއްދަތައް 15 ދުވަސް އިތުރުކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންނާއި ސަރުކާރުގެ ވުޒާރާތަކުން ވެސް މައުލޫމާތު ހާމަނުކޮށްގެން ގިނަ ފަރާތްތަކަކުން އަންނަނީ ޝަކުވާކުރަމުންނެވެ. ބައެއް ހާލަތްތަކުގައި ޖަވާބު ދިން ނަމަވެސް އެކަމާ ގުޅިގެން އެދެވޭ ޖަވާބެއް ހާމަނުކުރުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.