ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވާފައިވާ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ހަސީނާ އިސްތިއުފާ ދެއްވާފައި މިވަނީ ބަންގްލަދޭޝް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ އެ ގައުމުގައި ކުރަމުންދާ މުޒާހަރާ ނުރައްކާވެފައިވާ ހާލަތެއްގައެވެ.
މުޒާހަރާއަކީ ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް މިދިޔަ މަހު ފެށި މުޒާހަރާތަކެކެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ފިއްލަވާފައިވަނީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގެ އެހީގައެވެ.
އެއީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަނުމަށް މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅުގައި ކަމަށެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ގަނޑުވަރުގެ ތެރެއަށް ވަދެގަނެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ހަސީނާ އެރުއްވި ހެލިކޮޕްޓަރުގެ މަންޒިލަކީ އިންޑިއާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މިވަގުތު މުޅި ސިޓީ އެއްކޮށް ކަހަލަ ގޮތަކަށް އޮތީ މަގުމައްޗަށް ނުކުމެއެވެ. އެ ގައުމުގެ ކިޔަވާ ދަރިވަރުންނާއި އާއިލާތަކުން އެ މީހުންގެ ދަރިން ގޮވައިގެން އަންނަނީ އެކަމާ އުފާފާޅުކުރަމުންނެވެ.
ބަންގްލަދޭޝްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިއަކު ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ސަރުކާރު ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދެން ކަންކުރަންވީ ގޮތް ނިންމާނީ އެ ގައުމުގެ އަސްކަރިއްޔާއިން ކަމަށާއި އެއީ އިންތިގާލީ ސަރުކާރަކަށް ވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މުޒާހަރާއަށް ނުކުމެފައިވާ ދަރިވަރުންނާ މަޝްވަރާކޮށް، ސުލްހަވެރި ހައްލެއް ހޯދަން ހަސީނާ ވަނީ މީގެ ކުރިން ހުށަހަޅުއްވާފައެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ މަޝްވަރާތައް ކުރަން ދެކޮޅު ހަދާފައެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި އިއްޔެ އެކަނިވެސް 95 މީހުން ވަނީ މަރުވެފައެވެ. އެއާއެކު، މިދިޔަ މަހު ފެށި އެ މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފައެވެ. އިއްޔެ މަރުވި 77 މީހުންގެ ތެރެއިން 14 މީހުންނަކީ ފުލުހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 76 އަހަރުގެ ހަސީނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވައި، ޖެނުއަރީ މަހު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އެކަމަނާގެ ސަރުކާރުގައި ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހައްގުތަކާބެހޭ ޖަމުއިއްޔާތަކުން ބުނެއެވެ.