ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރުމަށް 85 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސިޓީތަކާ އިދާރީ ހިންގުންތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މަގުބައްތިތައް ރަނގަޅުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރެޓީ (ޔޫއާރުއޭ)ގެ އެންގުމާ އެއްގޮތަށް ރަށްރަށުގެ ކައުންސިލްތަކަށް ފެނަކައިން ދީފައިވާ މުއްދަތުގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނުފެންނާތީ ފެނަކައާއި ޔޫއާރުއޭއާއެކު މަޝްވަރާ ކޮށްފައި ވާކަމަށެވެ.
އަދި ވަޒީރު ވިދާޅުވީ މި ކަމަށް 85 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ފެނަކައިން ލަފާކޮށްފައިވާއިރު މާލީ ވުޒާރާއިން ފައިސާލިބުނު ކަމުގައިވިޔަސް ޔޫއާރުއޭއިން ދީފައިވާ މުއްދަތުގައި މަސައްކަތް ނިންމޭނެ ކަމަށް ނުފެންނާތީ އަދި އިތުރު މަޝްވަރާއަކަށް ދާނެ ކަމަށެވެ.
ވަޒީރު ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުބައްތިތައް ރަނގަޅުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

މަގުބައްތިތައް ރަނގަޅުކުރުމަށް ސިޓީތަކާ އިދާރީ ހިންގުންތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ފެނަކައާ ޔޫއާރުއޭއާއެކު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ސިޓީތަކާ އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާ
އަދި މިކަން ކުރުމަށް ވަގުތާއި ފައިސާ ވެސް ބޭނުން ވާކަމަށާއި ރަށު ކައުންސިލްތަކަށް ދިމާވެފައިވާ މި މައްސަަ ހައްލު ކުރެވެންދެން އެ ވުޒާރާއިން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރުމުގެ މަސައްކަތް ފެނަކައިން ފަށާފައި ވަނީ ދާދި ފަހުން ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.
މި މައްސަލައާއި ގުޅިގެން ޔުއާރުއޭއިން ބުނެފައި ވަނީ މައްސަލަ ދިމާވުމަށް މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސަކިޓް ބްރޭކަރު (އީއެލްސީބީ) އާއި މިނިއޭޗަ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައިވުމުން ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވެސް މީގެ ކުރިން ވަނީ، އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އާތު ލީކޭޖް ސާކިޓް ބްރޭކަރު ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
އެ ހާދިސާގައި ހާލު ދެރަވި އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކް ނިޔާވެފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮން ނިމިދިޔަ މޭމަހުގެ އަށްވަނަ ދުވަހުގައެވެ.