އޭއައި ބޭނުންކުރާ ޑިވައިސްތަކާ މެދު މީހުން ފޫހިވާން ފަށައިފި: ދިރާސާ

އޭއައި ފޭސް ސްކޭނިން ޑިވައިސްއެއް: ސްމާޓް ޑިވައިސްތަކުގައި އޭއައި ބޭނުންކުރުން އަހަރުން އަހަރަށް ދަނީ އިތުރުވަމުން --- ފޮޓޯ/ ގެޓީ އިމޭޖްސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ އުފެއްދުންތަކަށް ކަސްޓަމަރުންގެ ޝައުގުވެރިކަން ކުޑަވަމުންދާކަމަށް ވޮޝިންގްޓަން ސްޓޭޓް ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާގައި އެމެރިކާގެ 1،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވާއިރު، އޭއައި ބޭނުންކުރާ އުފެއްދުން ގަންނަން އެމީހުންގެ ޝައުގުވެރިކަން ހުރި މިންވަރާއި، ދެކޭގޮތް ބަލައިފައިވެއެވެ.

އެ ދިރާސާއިން ދައްކާގޮތުގައި، އޭއައި ބޭނުންކުރާކަން ބަޔާންކުރުމުން އުފެއްދުންތަކަށް ކަސްޓަމަރުން ޝައުގުވެރިކަން ކުޑަވެއެވެ. ޚާއްޞަކޮށް މެޑިކަލް ޑައިގްނޯސިސް އަދި އޮޓޮމޭޓެޑް ވެހިކަލްތައް ފަދަ ރިސްކު ބޮޑު އުފެއްދުންތަކުން މިކަން ފާހަގަކުރެވެއެވެ. މިފަދަ އުފެއްދުންތަކުގައި އޭއައި ބޭނުންކުރާކަމަށް ބުނުމުން ކަސްޓަމަރުންގެ ކަންބޮޑުވުން އިތުރުވެފައި ވެއެވެ.

ދިރާސާގައި އިސްކޮށް އުޅުއްވި މެސުޓް ސިސެކް ވިދާޅުވިގޮތުގައި، އޭއައި ބޭނުންކުރާކަމަށް ބުނުމުން ކަސްޓަމަރުންގެ އިތުބާރު ދަށްވެ، އުފެއްދުން ގަންނަން އޮންނަ ޝައުގުވެރިކަން ކުޑަވެއެވެ. އޭނާ ވިދާޅުވީ އުފެއްދުންތަކާމެދު ކަސްޓަމަރުން ދެކޭގޮތް ކަނޑައެޅުމުގައި އިތުބާރު މުހިންމު ދައުރެއް އަދާކުރާކަމަށެވެ.

މި ދިރާސާއިން ދައްކާގޮތުގައި، ވެކިއުމް ކްލީނާ އާއި ރޫމް ސާވިސް ޑެލިވަރީ ރޮބޮޓު ފަދަ ރިސްކު ކުޑަ އުފެއްދުންތައް ކަސްޓަމަރުން ބަލައިގަންނަ ނިސްބަތް އިތުރެވެ. ނަމަވެސް މިފަދަ އުފެއްދުންތަކުގައި ވެސް އޭއައި ބޭނުންކުރާކަމަށް ބުނުމުން އޭއައި ބޭނުންނުކުރާ އުފެއްދުންތަކަށްވުރެ ޝައުގުވެރިކަން ކުޑަވާ ކަމަށް މިދިރާސާއިން ވަނީ ދައްކާފައެވެ.

ސްމާޓް ޑިވައިސްތަކުގައި އޭއައި ބޭނުންކުރުން އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ސްމާޓްފޯނުތަކާއި، ސްމާޓް ހޯމް ޑިވައިސްތަކާއި، ވެއަރަބަލް ޓެކްނޮލޮޖީގައި އޭއައި ބޭނުންކޮށްގެން އުފައްދާ ފީޗާތައް ގިނަވަމުންދެއެވެ.

މިސާލަކަށް، ވޮއިސް އެސިސްޓެންޓްތަކާއި، ފޭޝަލް ރެކޮގްނިޝަން، އަދި ޕްރެޑިކްޓިވް ޓެކްސްޓިން ފަދަ ކަންކަމުގައި އޭއައި ބޭނުންކުރެއެވެ. ނަމަވެސް، އޭއައިގެ ބޭނުން އިތުރުވަމުންދިޔަ ނަމަވެސް، އޭގެ ސަބަބުން ޕްރައިވަސީއާއި ސެކިއުރިޓީއާ ގުޅޭ ކަންބޮޑުވުންތައް އުފެދި، ބައެއް ކަސްޓަމަރުން މިކަމާމެދު ޝައްކު އުފައްދަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު