ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކަށް އިލްމީގޮތުން ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ވިލާކޮލެޖުގައި އަލަށް ތައާރަފުކުރި ދެ ޕްރޮގްރާމެއް އިފުތިތާހު ކުރުމަށް އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގަބޫލުފުޅު ކުރައްވަނީ ކަންކަމަށް ގޮތް ނިންމަން ވާނީ ދައްކާ ވާހައިގެ މައްޗަށް ބުރަވުމުގެ ބަދަލުގައި އިލްމީ ދިރާސާތަކުގެ އަލީގައި ކަމަށެވެ.
"ގައުމުގެ އިގްތިޞާދީ ދާއިރާކަމުގައި ވިޔަސް ވެސް، އިޖުތިމާއީ ދާއިރާކަމަށް ވިޔަސް އަދި ގާނޫނީ ދާއިރާކަމަށް ވިޔަސް އަދި އެ ނޫން ދާއިރާތައް ކަމަށް ވިޔަސް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނިންމުންތަކެއް ނިންމޭނީ އިލްމީ ދިރާސާތަކެއް ކޮށްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ވެސް ދިރާސާ ކުރުމަށް ލޯބިކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނުގެ ޒައާމަތެއްގައި ދިރާސާކުރެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާކަމަށެވެ.
އަދި ރައީސް މުއިއްޒު ފަދަ އިލްމީ ބޭފުޅެއް މިއަދު ވެރިކަމުގައި ހުންނެވުމަކީ މިއަދުގެ ދަރިވަރުންނަށް ފައިދާތަކެއް ވާނެ ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވާފައެވެ.
މީގެ އިތުރުން، އަބްދުއްރަހީމް ވިދާޅުވީ ވިލާ ކޮލެޖަކީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށް ބައިނަލްއަގުވާމީ ކޮލެޖުތަކާ ފައިހަމަކުރަމުން އަންނަ ކޮލެޖެއް ކަމަށެވެ.
"ވިލާ ކޮލެޖަކީ އެންމެ މިޒަމާނުގެ ތައުލީމު ރާއްޖޭގައި ތިބެގެން އަޅުގަނޑުމެންގެ ދިވެހި ދަރިވަރުންނަށް އުނގަންނައިދެމުން ތައުލީމު ފޯރުކޮށްދެމުން ގެންދާ މަރުކަޒެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ވިލާ ކޮލެޖަކީ އިލްމީ ދިރާސާތައް ކުރުމަށް ބޭނުންވާ ފޮތްތައް ޝާއިއުކޮށް ދިވެހި ފޮތް އަލަމާރިއަށް ހަދިޔާކުރާ މަރުކަޒެއްކަން ވެސް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.