ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީގައި ހައްޔަރުކުރި މީހާ، ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މި މާރާމާރީގައި އަނިޔާ ވެފައިވަނީ އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ. އެކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ 39 އަހަރުގެ ފިރިހެނެކެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ފުލުހުން ބުނީ، އެރޭ 20:00 ހާއިރު ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މާރާމާރީގައި ދެން އަނިޔާވި މީހާ ވަނީ ހަނިމާދޫ ހެލްތު ސެންޓަރަށް ފަރުދާ ދޭން ގެންގޮސްފައެވެ.
މާރާމާރީ ހިންގުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެފައި އެބަ ހުއްޓެވެ. އަދި މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދުތައް ވެސް އަންނަނީ ގިނަވަމުންނެވެ.