ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޓެނިހުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން މިމުބާރާތުގައި އެންމެ މަތިން ސީޑު ކުރެވިފައިވާ ދެކުޅުންތެރިން ކަމަށްވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް އާއި ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ޖޯކޮވިޗް ޖާގަހޯދީ ސެމީފައިނަލްގައި އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީއާ ބައްދަލުކޮށް ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗު އޭނާ ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.
މިދެކުޅުންތެރިންވަނީ މިއަހަރުގެ ފްރެންޗް އޯޕަންގައިވެސް ހަމަ މިކޯޓުގައި ވާދަކޮށްފައެވެ. ފަސް ސެޓަށް ދެމިގެންދިޔަ އެމެޗުވެސް ކާމިޔާބު ކޮށްފައިވަނީ ޖޯކޮވިޗްއެެވެ. އުމުރުން 37 އަހަރުގެ ޖޯކޮވިޗްއަށް ވަނީ ޓެނިހުގެ ދުނިޔޭގައި އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރަން މެޑަލް ފިޔަވާ އެހެން ހުރިހާ ތަށްޓެއް ކާމިޔާބު ކުރެވިފައެވެ. އަދި މިވަގުތު ފިިރިހެން ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔަކީވެސް ޖޯކޮވިޗްއެވެ. އެއީ 24 މުބާރާތެވެ. އޭނާއަށް އޮލިމްޕިކްސްގައި ލިބިފައިވަނީ 2008 ވަނަ އަހަރުގެ މުބާރާތުގައި ލިބިފައިވާ ލޯ މެޑަލްއެވެ.
ޖޯކޮވިޗްއާ ފައިނަލްގައި ވާދަކުރާ އަލްކަރާޒް ވަނީ މިއަހަރު މިކޯޓުތަކުގައި ބޭއްވި ފްރެންޗް އޯޕަން ކާމިޔާބުކޮށް ތަށި ދިފާއުކޮށްފައެވެ. އެހެންކަމުން މިވަގުތު ރޯލަން ގެރޯސްގެ ކްލޭ ކޯޓަށް އެންމެ ފަރިތަ އެއް ކުޅުންތެރިޔަކީ އަލްކަރާޒްއެވެ. ނަމަވެސް ޖޯކޮވިޗްވެސް ވަނީ މިކޯޓުތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.
މިމުބާރާތުގެ ފައިނަލްއިން އަލްކަރާޒް ޖާގަހޯދީ ސެމީފައިނަލްގައި ކެނެޑާގެ ފީލިކްސް އައުގާ އަލިއަސީމް އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ.
ފައިނަލްގައި އަލްކަރާޒްއާއި ޖޯކޮވިޗް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިދެކުޅުންތެރިންވަނީ ވަރަށް ފަހުން ނިމުނު އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕްސްގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. އެމެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެވެ. ނަމަވެސް ވިމްބަލްޑަން ފައިނަލް މެޗުހާ މި މެޗު ފަސޭހަ ނުވާނެކަން އަލްކަރާޒް ގަބޫލް ކުރެއެވެ.