މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބޮޑު ތަފާތަކުން އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން ކާމިޔާބު ކޮށްފިއެވެ.
އެ މަގާމަށް މޭޔަރު އާޒިމްގެ އިތުރުން ވާދަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ފަލާހެވެ.
އެމްޑީޕީން "ސަން"އަށް މައުލޫމާތުދީފައި ވާގޮތުގައި ހުރިހާ ވޯޓު ފޮއްޓަކުން އާޒިމް ވަނީ 1079 ވޯޓު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ފަލާހަށް ލިބިފައި ވަނީ މުޅި ޖުމްލަ 470 ވޯޓެވެ.
މިއަދު 14:30 ގައި ފެށި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަން ނިންމާލާފައި މިރޭ 9:00ގައެވެ.
މި އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އައިކް އަހުމަދު އީސާ ވާދަކޮށްފައިވާއިރު، މައްޗަން ގޯޅި އުތުރުދާއިރާއަށް ވާދަކުރީ އެމްޑީޕީގެ އެކްޓިވިސްޓު ހަދީޖާ މުހައްމަދާއި ލިރުއާމް ވަހީދެވެ.
މައްޗަން ގޯޅި އުތުރުދާއިރާގެ ގޮނޑި އެކްޓިވިސްޓު ހަދީޖާ މުހައްމަދު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ކާމިޔާބު ކޮށްފައެވެ.
ފުރުޝާން މުހައްމަދާއި އިފްހާމް ހުސެއިން މާފަންނު އުތުރު ދާއިރާއަށް ވާދަކޮށްފައިވާއިރު، ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރީ މަރިޔަމް އީމާ ޝަފީގާއި މުހައްމަދު ގުދުރަތުﷲ އަދި މާޒް އަހުމަދު ސަލީމެވެ.
މެދުހެންވޭރު ދާއިރާއަށް މީކާއިލް މުހައްމަދު ރިޔާޝްއާއި އަހުމަދު ޝައްފާން ވަނީ ވާދަކޮށްފައިއެވެ. މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ މީކާއިލްއެވެ. އަދި، ހެންވޭރު އުތުރު ދާއިރާއަށް ވާދަކޮށްފައި ވަނީ ކުރީގެ މެންބަރު އިބްރާހިމް މުއިއްޒާއި އަހުމަދު އަހުނަފް ފިރާގު އެވެ.
މީގެއިތުރުން، ސަފާތު އަހުމަދު ޒާހިރުއާއި އަހުމަދު ޝަފީގު ވާދަކޮށްފައި ވަނީ ހުޅުމާލެ މެދު ދާއިރާއަށެވެ. މި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ސަފާތެވެ.
ހުޅުމާލެ އުތުރު ދާއިރާއަށް އަބްދުﷲ ނަސީރު މުހައްމަދާއި ފާތިމަތު ޒަހިއްޔާ އަދި ޔޫސުފް ސިރާޖު ވާދަކުރައްވާފައި ވާއިރު، ތިނަދޫ ސިޓީގެ ރައީސް ކަމަށް ވާދަކުރީ އަހުމަދު ގައިސްއާއި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުލް މުޣުނީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަތޮޅުތެރޭގެ 24 ރަށެއްގައި މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.