ދޮގު ޚަބަރު ހުއްޓުވުމަށްކަމަށް ބުނެ ބަންގްލަދޭޝްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކެއް މަނާކޮށްފި

ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް: ބަންގްލަދޭޝްގައި ވަނީ އެ ޕްލެޓްފޯމުތައް ބްލޮކްކޮށްފައި -- ފޮޓޯ/ ޕީއޭ

ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށްކަމަށް ބުނެ ބަންގްލަދޭޝްގައި ފޭސްބުކާއި ޓިކްޓޮކް ހިމެނޭހެން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކެއް ބޭނުންކުރުން މަނާކޮށްފިއެވެ.

އެގޮތުން އެ ގައުމުގައި މަނާކޮށްފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނެނީ ފޭސްބުކް، ޓިކްޓޮކް، ވަޓްސްއެޕް އަދި ޔޫޓިއުބެވެ.

ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ ދި ޑެއިލީ ސްޓާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝް ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭގެ ކުރިން އެ ގައުމުން ވަނީ، 10 ދުވަސް ވަންދެއް މޯބައިލް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ.

ބަންގްލަދޭޝް ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ބީޓީއާރުސީ)ގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި މޯބައިލް އޮޕަރޭޓަރުންނަށް ވަނީ އެ ޕްލެޓްފޯމުތައް ބްލޮކް ކުރުމަށް އަންގާފައި ކަމަށް ދި ޑެއިލީ ސްޓާގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުގެ އިތުރުން ބޭރުގެ އިތުރު ނޫސްތަކުގައި ވެސް ރިޕޯޓު ކޮށްފައި ވާގޮތުގައި، އެގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރުން މަނާކުރީ، ބަންގްލަދޭޝްގައި ބޮޑު މުސާރަ ލިބޭ ގިނަ ވަޒީފާތަކެއް އެގައުމުގެ މިނިވަންކަމަށް ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ޚާއްސަކޮށްފައިވާ ކޯޓާ ނިޒާމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފަތުރާ ދޮގު ޚަބަރުތައް ހުއްޓުވުމަށެވެ.

މީގެކުރިން މިދިޔަ މަހުގެ 24ގައި އެގައުމުގެ ޓެލެކޮމް އެންޑް އައިސީޓީގެ ސްޓޭޓް މިނިސްޓަރު ޒުނައިދު އަހުމަދު ޕަލާކް ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް، ޚާއްސަކޮށް ފޭސްބުކް އަދި ޔޫޓިއުބް ބަންގްލަދޭޝްގެ ގާނޫނުތަކަށް ނުފެތޭ ކަމަށެވެ.

މީހުންނާ މުވާސަލާތު ކުރުމަށާއި ވާހަކަދެއްކުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުން ކުރާއިރު، އެ ޕްލެޓްފޯމުތައް ބްލޮކް ކުރުމުން ޑާޓާ ބޭނުން ކުރާ މިންވަރު ވަރަށް މަދުވާނެ ކަމަށް މޯބައިލް އޮޕަރޭޓަރެއްގެ އޮފިޝަލަކު ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ކޯޓާ ނިޒާމުގައި އޮންނަ ގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ލިބެން ޖެހޭނީ 1971 ވަނަ އަހަރު އެގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެގައުމުގައި ދާދިފަހުން ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ.

އެގޮތުން، އެ މުޒާހަރާތަކުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތައް ހިނގައި 100އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

އެއަށްފަހު މިދިޔަ މަހުގެ 21ވަނަ ދުވަހު ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކޯޓާ ނިޒާމުގެ ދަށުން ވަޒީފާތަކުގެ 93 ޕަސެންޓް ދޭން ޖެހޭނީ ގާބިލުކަމަށް ބަލައިފައި ކަމަށް އަމުރުކޮށްފައެވެ. އަދި ގައުމަށްޓަކައި ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ޚާއްސަ ކުރާ މިންވަރު ވަނީ ފަސް ޕަސެންޓަށް ދަށްކޮށްފައެވެ.

comment ކޮމެންޓް