މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޖަޕާނުގެ މަގްބޫލު ޓީވީ ޕްލެޓްފޯމް ޓީވާއާއެކީ ކެމްޕެއިންއެއް ލޯންޗުކޮށްފިއެވެ.
އެ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޓީވާއަކީ 2015 ވަނަ އަހަރު އޮކްޓޯބަރު މަހު ތައާރަފުކުރި އެޑް ސަޕޯޓެޑް ވީޑިއޯ އޮން ޑިމާންޑް (އެވޮޑް) ނެޓްވޯކްގެ ޓީވީ ޕްލެޓްފޯމްއެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއަރަމުންދާ މި ޓީވީ ޗެނަލަށް ޖަޕާނުގައި ބޮޑު މަގުބޫލުކަމެއް އޮވެއެވެ.
އެމްއެމްޕީއާރުސީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކެމްޕެއިން ދަށުން، ރާއްޖެއަކީ ހިތްގައިމު، މަގުބޫލު މަންޒިލެއްގެ ގޮތުގައި ލަގްޒަރީ ސެގްމެންޓްތަކާއި، އާއިލާތަކަށް ޚާއްސަ ސެގްމެންޓްތަކާއި، ކަނޑުއަޑީގެ ރީތިކަން އެކުލެވޭ އިޝްތިހާރުތައް، ޓީވާގެ ޕްރޮގްރާމްތައް ދެއްކުމުގެ ކުރިންނާއި، މެދުތެރޭގައި ވީޑިއޯ އިޝްތިހާރެއްގެ ގޮތުގައި ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.
ޖަޕާން މާކެޓަށް ޚާއްސަކޮށް، އެމްއެމްޕީއާރުސީން މިއަހަރު ވަނީ ގިނަ މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރޭގައި މެލޭޝިއަން އެއާލައިންއާ ގުޅިގެން ވެބިނާއެއް ބާއްވައި ޖަޕާނުން ފަސޭހަކަމާއެކު ރާއްޖެއަށް ދަތުރު ކުރެވޭނެ މަގުތައް ބަލައި، ޖަޕާން އައުޓްބޯޑް ޓޫރިޒަމް ކައުންސިލް (ޖޭއޯޓީސީ)ގެ އެޖެންޓުންނަށް ވެބިނާއެއް ހިންގުން ފަދަ ގިނަ ހަރަކާތްތަކެއް އެ ކުންފުނިން ވަނީ ކުރިއަށްގެންގޮސްފައެވެ.
އެމްއެމްޕީއާރުސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ރޭންކްގައި ޖަޕާނަކި 15 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޖަޕާނުގެ 13،517 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އެއީ މާކެޓް ޝެއާގެ 1.5 އިންސައްތައެވެ.
އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއެކު ބޭއްވޭ ޖޮއިންޓް ޕްރޮމޯޝަނާއި، ޑިޖިޓަލް ކެމްޕެއިންތައް ހިމެނެއެވެ.
މީގެއިތުރުން، އެމްއެމްޕީއާރުސީއިން ވަނީ ޖަޕާން ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އަދި ޖަޕާން ނޭޝަނަލް ޓޫރިޒަމް އޯގަނައިޒޭޝަން (ޖޭއެންޓީއޯ)އިން އިންތިޒާމުކުރާ، ޓޫރިޒަމް އެކްސްޕޯގައި ބައިވެރިވުމަށް ނިންމައިފައެވެ.
އެމްއެމްޕީއާރުސީއިން ބުނީ އެ ހަރަކާތްތަކުގެ އަމާޒަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ.