ކުއާލަލަންޕޫރު (1 އޮގަސްޓް 2024) : މެޓާ ޕްލެޓްފޯމް ނުވަތަ ފޭސްބުކްއަކީ ވަކި ބައެއްގެ ނުފޫޒާއި ބާރުގެ ދަށުވެފައިވާ ފިނޑި ކުންފުންޏެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ތުހުތު ކުރައްވައިފިއެވެ.
އަންވަރާއި ފޭސްބުކްއާ ދެމެދު ކުރިންވެސް މައްސަލަތަކެއް ޖެހިފައިވެއެވެ. މި ފަހަރު މައްސަލަ ޖެހުނީ އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދު ވުމުން އެކަމާ ހިތާމަކުރައްވައި ތައުޒިޔާ ވިދާޅުވުމުގެ ގޮތުން ހަމާސްގެ އިސްވެރިއަކަށް އަންވަރު ކުރެއްވި ފޯންކޯލެއްގެ އަޑާއި ވީޑިއޯ ފޭސްބުކުގެ އޭނާގެ އެކައުންޓްގައި ޝާއިއު ކުރެއްވުމުން އެ ފްލެޓްފޯމުން އެ ވީޑިއޯ ޑިލީޓް ކޮށްލުމާ ގުޅިގެންނެވެ.
ފޭސްބުކްއަކީ އިސްރާއީލާ ދެކޮޅަށް ފަލަސްތީނުން ކުރާ މިނިވަންކަމުގެ ޖިހާދަކީ ޓެރަރިޒަމް ކަމަށް ސިފަކުރާ އަދި އެ ޖިހާދަށް ހުރަސްއަޅާ ކުންފުންޏެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނިން މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ.
ވީޑިއޯ ޑިލީޓް ކޮށްލުމާ ގުޅިގެން އަންވަރު ވަނީ މެޓާ ޕްލެޓްފޯމް ނުވަތަ ފޭސްބުކްއަކީ ވަކި ބައެއްގެ ނުފޫޒާއި ބާރުގެ ދަށުވެފައިވާ ފިނޑި ކުންފުންޏެއްކަމަށް ސިފަކުރައްވާފައެވެ. އަދި ފޭސްބުކް ނުރުހުނު ކަމުގައިވިޔަސް ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދަށް ތާއީދު ކުރުންމަތީ ދެމިހުންނަވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަންވަރު ވަނީ ބައެއްގެ ދަށުނުވެ ޒިންމާދާރު ވުމަށް ފޭސްބުކްއަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި މިއަދު އަންވަރު ވަނީ ފޭސްބުކްއަކީ ރޫޑު އަދި ފިނޑި ކުންފުންޏެއްކަމަށް ސިފަކުރައްވައި އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައެވެ.
އަންވަރު ލިޔުއްވާފައިވާ ގޮތުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުން ކުރާ ޖިހާދުގެ އަޑުކަނޑުވާލުމަށް ފޭސްބުކްއިން ގެންގުޅެނީ ފިނޑި އަދި ރޫޑު ސިޔާސަތެކެވެ. މި ގޮތުން ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދާބެހޭ ވިޑީއޯތައް ޑިލީޓްކުރުމާއި އިސްމާއީލް ހަނިއްޔާފަދަ އެ ބޭފުޅުންގެ ގައުމުގެ މިނިވަންކަމާ އަދި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ޝަހީދުކޮށްލުމުން އެކަމުގެ ހިތާމައިގައި ތައުޒިޔާ ކިޔުން ފަދަކަންކަން ވެސް ފޭސްބުކުން މަނާކުރާކަން އަންވަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މިފަދަ ރޫޑު ކަންކަން ފޭސްބުކުން ކުރުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި އަންވަރު ވަނީ ސިފަ ކުރައްވާފައެވެ. އަންވަރު ވަނީ ބައެއްގެ ދަށުގައިވެ މިފަދަ ފިނޑިކަންކަން ކުރުން ހުއްޓާލުމަށް ފޭސްބުކްއަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
މެލޭޝިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ފަހުމީ ފާޟިލް ވިދާޅުވިގޮތުގައި ބޮޑުވަޒީރު އަންވަރު ފާހަގަ ކުރެއްވި މައްސަލައިގެ ޝަކުވާ ފޭސްބުކްއަށް ވާނީ ރަސްމީ ސިފައެއްގައި ހުށަހަޅާފައެވެ. އަދި އަންވަރުގެ ރަސްމީ ފޭސްބުކްއިން ޑިލީޓްކޮށްލި ތަކެތި އަނބުރައި އިއާދަކުރުމަށް އެދިވެސް ރަސްމީ ސިފައެއްގައި ވަނީ ހުށަހަޅާފައެވެ.
މީގެ ކުރިން ފޭސްބުކް ނުވަތަ މެޓާއިން ވަނީ އަންވަރު، ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އާއެކު ގަތަރުގެ ވެރިރަށް ދައުހާގައި ބޭއްވި ބައްދަލުކުރެެއްވުމުގެ ފޮޓޯއެއް އަންވަރުގެ ރަސްމީ ފޭސްބުކްއަށް ލުމުން އެފޮޓޯ ޑިލީޓް ކޮށްފައެވެ. މެލޭޝިއާ ސަރުކާރުން ރަސްމީ ސިފައެއްގައި ޝަކުވާ ހުށަހެޅުމުން އަލުން އަނބުރައި އެ ފޮޓޯ އިއާދަކޮށްދިނެވެ.
މިގޮތަށް، އިސްރާއީލުން ޝަހީދުކޮށްލި ހަމާސްގެ ލީޑަރަށް ތައުޒިޔާ ވިދާޅުވުމުގެ ގޮތުން ހަމާސްގެ އިސްވެރިއަކަށް އަންވަރު ކުރެއްވި ފޯންކޯލުގެ ވީޑީއޯވެސް ޑިލީޓްކޮށްލާފައިވާއިރު މެޓާއިން އެ ފޮޓޯ އަލުން އަނބުރައި އިއާދަކޮށްފާނެކަމަށް ބެލެވޭކަމަށް މެލޭޝިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ފަހުމީ ފާޟިލް ވިދާޅުވިއެވެ.
މެޓާއިން ވަނީ ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތަކަށް އެ ކުންފުނިން ހުރަސް ނާޅާކަމަށާއި ފަލަސްތީނާ އިދިކޮޅު ސިޔާސަތެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ތާއީދުނުކުރާކަމާއި އެކަން ހާމަކުރާ ފޮޓޯތައް ފޭސްބުކްގައި ޝާއިއުކުރުން މަނާ ނުކުރާކަމަށް ވެސް ފޭސްބުކްއިން ބުނެއެވެ.