ލަޓިބުރިތަކަކުން މާލޭގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ދޫކޮށްލައިފި

އަސްރަފީ މަގުގައި ބިދޭސީންތަކެއް ލަޓިބުރިތަކަކުން މާރާމާރީ ހިންގަނީ--- ފޮޓޯ/ އެމްވީ ކްރޭސިސް

ލަޓިބުރިތަކަކުން މާލޭގެ މަގުމަތީގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލައިފިއެވެ.

މި މާރާމާރީ ހިންގާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ވީޑިއޯގައި ހަ ބިދޭސީއަކު ލަޓިބުރިތަކެއް ހިފައިގެން މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ. ލަޓިބުރިތަކުން އެކަކު އަނެކަކު ގައިގައި ޖަހައި ހެދިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މާލޭގެ އަސްރަފީ މަގުގައި ރޭގެ 12:33 ހާއިރު ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މާރާމާރީ ހިންގާފައިވަނީ ބަންގްލަދޭޝް އާއި ސްރީލަންކާއަށް ނިސްބަތްވާ ބިދޭސީންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މާރާމާރީގައި ދެ މީހަކަށް އަނިޔާ ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާރު އެ ފަސް މީހުން ވެސް ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް