އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަންހެނަކު ފެންވަރަން ހުއްޓައި ފުލުހުން ދޮރު ވައްޓާލާ ފާހާނާއަށް ވަތްކަމަށް ބުނާ މައްސަލަ ފުލުހުން ދޮގުކޮށްފިއެވެ.
އަންހެނަކު ބަރަހަނާކޮށް ފާހާނައިގައި ހުއްޓާ ފުލުހުން ދޮރު ވައްޓާލައި ވަތް ކަމަށް ބުނާ މައްސަލައެއް މިއަދު ބައެއް މީޑިއާތަކުން ވަނީ ފެންމަތިކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ހިތަދޫ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލާފާސްކޮށްފައި ވާކަމަށެވެ.
އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން، ފުލުހުން އެޕާޓްމަންޓަށް ވަދެފައި ވަނީ ބާރުގެ ބޭނުންކޮށް ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެޕާޓްމަންޓުގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން އެ ދޮރު ވެސް ހުޅުވީ ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓާލުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ ތެރެއިން އެއް ކޮޓަރިއެއްގައި ފެންވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވާނީ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައި،" ފުލުހުންގެ މެސެޖުގައި ވެއެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަންގެ ތެރެއިން އެޕާޓްމަންޓުގެ ފާހާނައިގެ ދޮރު ވައްޓާލާފައި ވަދެފައި ނުވާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި އޮޕަރޭޝަންގައި ބާރުގެ ބޭނުން ކުރިގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހަދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.