ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު, ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސަށް އަރުވައިފިއެވެ.
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތުނަމްއަށް އެރުވުމަށް ބޭއްވުނު ރަސްމިއްޔާތު ބާއްވާފައިވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު އިސްތާނާގައެވެ.
ސަފީރު މުޙައްމަދު ލުވޭޒު ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތުނަމާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުން--- ފޮޓޯ/ ފޮރިން މިނިސްޓްރީ
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާ ސިންގަޕޫރާއި ދިވެހިރާއްޖެ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް މުޙައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވައިފައި ވަނީ މިއަހަރުގެ މޭ މަހުގެ ހަތްވަނަ ދުވަހުގައެވެ.

މުޙައްމަދު ލުވޭޒުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތުނަމް އަށް އެރުވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ފޮރިން މިނިސްޓްރީ
މި ބައްދަލުވުމުގައި ސަފީރު އަރިހުގައި އޭނާގެ އަނބިކަނބަލުން ޚަދީޖާ މުފްލިހާގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުﷲ އަރުހަމާއި ޖަލާލާ ސަލީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.