ވަރަށް ތަފާތު ތުރިލާ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަދިތިޔަ ދަރުގެ ކުރިއަށް އޮތް ފިލްމުން ރަންވީރު ސިންގް ފެންނާނީ ވަރަށް ތަފާތުކޮށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އުފައްދާ ފިލްމު "ދުރަންދާރު"ގައި ރަންވީރު ސިންގް ކުޅެން ހަމަޖެހިފައި ވަނީ އިންޑިއާގެ ރިސާޗް އެންޑް އެނަލައިސިސް ވިންގް (ރޯ)ގެ ހާއްސަ އެޖެންޓެއްގެ ރޯލެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ބުނެފައިވާ ގޮތުން ފިލްމަށް ރަންވީރު ކުޅޭ ރޯލަކީ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރު އޮފިސަރު އަޖިތު ދޯވަލްގެ ޝަހުސިއްޔަތު ދައްކުވައިދޭނެ ރޯލެކެވެ.
މި ފިލްމުގެ ވަރަށް ހާއްސަ މަންޒަރުތަކެއް ތައިލެންޑް އަދި ކެނެޑާގައި ކުރިއަށް ގެންދަން ތާވަލުކުރެވިފައިވާއިރު ފިލްމު ނިންމާލާނީ މުމްބާއީގެ ޝެޑިއުލްއާ އެކު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ރަންވީރާ އެކު ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ، ސަންޖޭ ދަތު، އާރް މާދަވަން، އަކްޝަޔޭ ކަންނާ އަދި އަރުޖުން ރާމްޕާލް ހިމެނެއެވެ.
ސަންޖޭ ދަތު ފިލްމުގައި ވިލެންގެ ރޯލް ކުޅޭއިރު އެހެން ތަރިން ފެންނާނީ ރަންވީރާ އެކު މަސައްކަތްކުރާ ޓީމުގެ އޮފިސަރުންގެ ގޮތުގައެވެ.
މި ތަރިން ހިމެނޭ ޕޯސްޓަރެއް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން ރަންވީރު ބުނެފައި ވަނީ މި ފިލްމަކީ އޭނާގެ ފޭނުންނަށް ހާއްސަކޮށްގެން ގެނެސްދޭ ފިލްމެއް ކަމަށެވެ. މި ފިލްމަކީ ކެރިއަރުގައި މިހާތަނަށް ބެލުންތެރިންނަށް ގެނެސްދޭ އެންމެ ތަފާތު ފިލްމު ކަމަށާއި ބެލުންތެރިންނަށް މި ފިލްމުން މުޅިން އާ ތަޖުރިބާއެއް ކުރެވޭނެ ކަމަށް އެކްޓަރު ވަނީ ވައުދުވެފައެވެ.
މިދިޔަ އަހަރު ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިން ފެނުނު އެކްޓަރު ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލުކުރާނީ މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.