ނަޑާލާއި އަލްކަރާޒްގެ ޑަބަލްސް މެޗު ކާމިޔާބު

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޓެނިސް އިވެންޓްގެ ފިރިހެން ޑަބަލްސްގައި ސްޕެެއިންގެ ރަފައެލް ނަޑާލާއި ކާލޯސް އަލްކަރާޒް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.

ދެ ކުޅުންތެރިން ބައްދަލުކޮށްފައިވަނީ ހަތްވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ އަންޑްރޭސް މޮލްޓޭނީއާއި މެކްސިމޯ ގޮންޒާލޭޒާއެވެ.

މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ނަޑާލްކަރާޒްގެ ނަން ލިބިފައިވާ ސްޕެއިންގެ ދެ ކުޅުންތެރިންނެވެ.

ދެ ކުޅުންތެރިންވަނީ މި ފަހަރުގެ މުބާރާތް ކުޅެމުންދާ ރޯލަންޑް ގެރޯސްގެ ކްލޭ ކޯޓުތަކުގައި ވަރަށް ކާމިޔާބު ދެ ކުޅުންތެރިންނެވެ. މެޗުގެ ފުރަތަމަ ސެޓު ނަޑާލާއި އަލްކަރާޒް ކާމިޔާބުކޮށްފާވަނީ ޓައި ބްރޭކަކަށް ގޮސް 7-4 އިންނެވެ. ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ.

ނަޑާލްވަނީ މީގެ ކުރިން 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސްގައި ވެސް ޑަބަލްސްއިން ރަން މެޑަލް ހާސިލުކޮށްފައެވެ. އެހެންކަމުން އޭނާ މި ފޯމެޓަށް އަލްކަރާޒަށް ވުރެ ފަރިތަކަން ފުރަތަމަ ސެޓުގައި ފާހަގަވިއެވެ. މި ސެޓުގެ ތެރެއަށް އަލްކަރާޒް ވައްނަން ވަގުތު ކޮޅެއް ނެގިތަން ފެނިގެންދިޔައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނަޑާލް ބުނީ، އޭނާ މިދަނީ ހުރިހާ ހިނދުކޮޅެއް ވެސް ހިތްހަމަޖެހުމާ އެކު ފާހަގަކުރަމުން ކަމަށެވެ. އަދި، މުބާރާތަށް ފަހު ކުޅުން ހުއްޓާލުމާ މެދު ނުވިސްނާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަޑާލްއަކީ އަލްކަރާޒް ޓެނިހުގެ ތެރެއަށް ވަދެގެން އައި ދުވަސްވަރާއި މިހާރު ވެސް އެ ކުޅުންތެރިޔަކަށް އެންމެ ބޮޑަށް ބަލާ ކުޅުންތެރިޔާއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އަލްކަރާޒްވަނީ އޭނާގެ އެންމެ މަގުބޫލު ކުޅުންތެރިޔާ އެކު ކޯޓު ހިއްސާކުރުމުގެ ފުރުސަތު ލިބުމުން އެކަމުގެ އުފާވެރިކަން ހާމަކޮށްފައެވެ. އަދި، ނަޑާލަކީ ސިންގަލްސްގައި ވަރަށް މޮޅު ކުޅުންތެރިޔެއްކަން އެންމެންނަން ވެސް އެނގޭ ކަމަަށާއި ނަމަވެސް އޭނާއަކީ ޑަބަލްސްގައި ވެސް ވަރަށް ފުއްނާބުއުސް ކުޅުންތެރިއެއް ކަމުގައި އަލްކަރާޒް ބުންޏެވެ.

comment ކޮމެންޓް