ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޓެނިސް އިވެންޓްގައި ސާބިއާގެ ނޯވަކް ޖޯކޮވިޗާއި ޕޯލަންޑްގެ އީގާ ޝްވާޓެކްގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޓެނިހުގެ ފިރިހެން އިވެންޓްގައި ޖޯކޮވިޗް ކުޅުނު ފުރަތަމަ މެޗުގައިވަނީ އޮސްޓްރޭލިއާގެ މެތިއު އެޑެން ވަރަށް ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.
މެޗުގެ ދެ ސެޓު އޭނާ ކާމިޔާބުކޮށްފައިވަނީ 6-0 އަދި 6-1 އިންނެވެ. ޖޯކޮވިޗް މެޗު ކާމިޔާބު ކުރުމަށް ނަގާފައިވަނީ 53 މިނެޓެވެ.
މުބާރާތުގައި ޖޯކޮވިޗް ދެން ކުޅޭ މެޗެއްގައި ފަހަރުގައި ދުވަސްވީ ވާދަވެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލާ ކުރިމަތިލާން ޖެހިދާނެކަމަށްވެއެވެ. ނަޑާލް ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގެ މާޓޮން ފުކްސޮވިޗާއެވެ. އެންމެ ފަހުން ދެ ފަހަރުގެ ފެރެންޗް އޯޕަން ޗެމްޕިއަންކަމަށްވާ ސްޕެއިންގެ ކާލޯސް އަލްކަރާޒާއި ލުބްނާންގެ ހާދީ ހަބީބު ބައްދަލުކުރި މެޗު 6-3 އަދި 6-1 އިން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒެވެ.
ޓެނިހުގެ އަންހެން އިވެންޓްގައި ވޭތިވެދިޔަ ތިން އަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށް މި ފަހަރުގެ އޮލިމްޕިކްގައި ވެސް ރަން މެޑަލް ހާސިލުކުރުން އެންމެ ގާތްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޝްވާޓެކް އޭނާގެ މެޗު ކާމިޔާބުކޮށްފައިވަނީ ރުމޭނިއާގެ އިރީނީ ކަމޭލިއާ ބެގޫއާ ބައްދަލުކޮށް ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ޝްވާޓޭކް ފަސޭހަކަމާ އެކު 6-2އިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި ކަމޭލާ ބެގޫވަނީ ޝްވާޓެކްއަށް އުނދަގޫ ސެޓަކަށް ހަދައިފައެވެ. މި ގޮތުން މި ސެޓު ޝްވާޓެކްއަށް ކާމިޔާބު ކުރެވިފައިވަނީ ވަރަށް މަސައްކަތުން 7-5 އިންނެވެ.
އެންމެ ފަހުން ބޭއްވި ފްރެންޗް އޯޕަންގެ ފައިނަލްގައި ޝްވާޓެކް އަތުން ބަލިވި އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ ވެސް ވަނީ އޭނާ ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. އޭނާ ވާދަކޮށްފައިވަނީ ރުމޭނިއާގެ އަނާ ބޮގްޑާންއާއެވެ. މެޗު ޕައޮލީނީ ކާމިޔާބުކޮށްފައިވަނީ 7-5 އަދި 6-3 އިންނެވެ.