ސަރުކާރުގެ އަމާޒަކީ ރޯމަސް ބޭރުކުރުން ހުއްޓާލުން: ޝިޔާމް

ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން 73 ޓަނު މަސް ބާނައިގެން ދަނީ --- ފޮޓޯ: ޓީއެސްލައިން

މި ސަރުކާރުގެ އަމަޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން ކަމަށާއި އެކްސްޕޯޓު ކުރާ މަސް ދަޅުމަހުގެ ގޮތުގައި އެކްސްޕޯޓު ކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، އެސްއެސްޓީވީން މިރޭ ގެނެސްދިން "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ތިން ޕްރޮސެސިން ފެކްޓޮރީއެއް ގާއިމް ކުރުމަށްޓަކާ ޗައިނާގެ ކުންފުންޏަކާ އެކު މިހާރު މަސައްކަތް ކުރަމުން ދާކަމަށެވެ.

"އޭގެތެރޭގައި ފެލިވަރު ވެސް ހިމެނޭ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެލިވަރުގައި މިވަގުތު ޕްރޮސެސް ކުރަނީ 40 ޓަނުގެ މަސް ކަމަށާއި މި މަސައްކަތް ނިމުމުން މިފްކޯއަށް 100ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފ. ނިލަންދޫގައި 100ޓަނުގެ ފެކްޓްރީއެއް އަދި ގދ. ފިޔޮރީގައި 100 ޓަނުގެ ފެކްޓީއެއް އެޅުމުގެ މަސައްކަތް ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން ސަރުކާރުގެ އިސްނެގުމުގެ ތެރެއިން ޕްރޮސެސް ކުރެވޭ މަސް 300ޓަނު އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ މާނައަކީ މިވަގުތު ސަރުކާރުގައި ހުރި 40 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީއަށް އިތުރު 300ޓަނު މި އިތުރު ކުރަނީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ޕްރޮސެސިން ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެގެން ދިޔައީމަ ގާތްގަނޑަކަށް މުޅި ރާއްޖޭން ބޭރުކުރާ މަސް އިރާދަކުރެއްވިއްޔާ ދަޅަށް އެޅޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ،" އޭނަ ވިދާޅުވިއެވެ.

އެންސިސް އަދި ހޮރައިޒަން ހިމެނޭގޮތަށް ސަރުކާރުން އިތުރުކުރާ ކެޕޭސިޓީއާއެކު 81،000 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށް ޝިޔަމް ވަނީ ލަފާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ބާނަނީ ގަތްގަނޑަކަށް 130،000 ޓަނުގެ މަސް ކަމަށެވެ. އެހެންކަމުން 81،000 ޓަނު ޕްރޮސެސްކޮށްގެން ބޭރުކުރުމުން މަހުން ލިބޭ އާމުދަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހިސާބު ކުރެވިފައި ހުރިގޮތުން މަސް ބޭރުކޮށްގެން މަހުން ލިބޭ އަމުދަނީ ހުރީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގައި ކަމަށް. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށްގެން 180 ނޫނީ 190 މިލިއަން ޑޮލަރަށް މި އަދަދު އިތުރުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް