އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
މި އިޙުތިރާމުގެ ޒިޔާރަތުގައި އަބްދުއްރަހީމްގެ އަރިހުގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެހެންނަމަވެސް މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތައް މީޑިއާތަކާ އަދި ހިއްސާކޮށްފައެއް ނުވެއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
ސަރުކާރުން ދަނީ އިންޑިއާގެ އިތުރުން އަވައްޓެރި އެހެން ގައުމުތަކާއި ގުޅުން ވަރުގަދަކޮށް، އެ ގައުމުތަކާއެކު ރާއްޖޭ އިގުތިސާދާއި އުމްރާނީ ތަރައްގީއަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިދިޔަ ސަރުކާރުން އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް، ސަރުކާރު ބަދަލުވި ފަހުން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފައެވެ.
އެގޮތުން އިންޑިއާއިން 2024- 2025އަށް ލަފާކުރާ ބަޖެޓު ކަނޑައެޅިއިރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން މީގެ ކުރިން ކަނޑައެޅި އަދަދު ވެސް މިހާރު ވަނީ ދަށްކޮށްފައެވެ.