މީގެ 30 އަހަރު ފަހުން، 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 43 ޕަސެންޓު ހިއްސާކުރާނީ ބިދޭސީން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ލަފާކޮށްފިއެވެ.
މިއަދު ޕެންޝަން އޮފީހުން ބޭއްވި ފައިނޭންސް ފޯރަމްގައި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން، 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން ހަތަރު މީހަކު ވާނީ ބިދޭސީއަކަށެވެ.
ހަމައެހެންމެ، މިހާރު ވެސް އަތޮޅުތަކުން މާލެ ސަރަހައްދަށް މީހުން ހިޖުރަ ކުރަމުންދާ މިންވަރަށް ހިޖުރަ ކުރާނަމަ، 2054 ވަނަ އަހަރު މާލެ ސަރަހައްދަށް އާބާދީގެ 64 ޕަސެންޓު މީހުން ޖަމާވާނެ ކަމަށާއި އަތޮޅުތަކުގައި އެ އަހަރު ދިރިއުޅޭނީ 30 ޕަސެންޓު މީހުން ކަމަށް ތަފާސްހިސާބުގައިވެއެވެ.
އައިޝަތު ހަސަން ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނަ ކަމަށެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓު އުޅެނީ 30 އަހަރުން ދަށުގައި ކަމަށާއި އެއީ ވެސް ރާއްޖޭގެ އާބާދީ މުސްކުޅިވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތީ ޒުވާން އާބާދީއެއް ކަމަށާއި 2054 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އާބާދީގައި ގިނަވާނީ އުމުރުން ދުވަސްވީ މީހުން ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކައެވެ.
އެގޮތުން، އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، 2030ގެ ނިޔަލަށް 65 އަހަރުން މަތީގެ އާބާދީއަށް ހަތް ޕަސެންޓު އިތުރުވުމެއް އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި، ޑިމޮގްރެފިކްސް ސާވޭތަކުން ދައްކާ ގޮތުން، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ އެވަރެޖު އުމުރު 47 އަހަރުން މައްޗަށް އަރާނެއެވެ.
ދިވެހިން އެވަރެޖް އުމުރަކީ 80 އަހަރު ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާއިރު، ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ގާތްގަނޑަކަށް ހަތް އަހަރު ދިގު ކަމަށް އައިޝަތު ހަސަން ވިދާޅުވިއެވެ.
ނަމަވެސް، 1995 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ފިރިހެނުންގެ އުމުރު ދިގު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައެވެ.
އޭގެއިތުރުން، އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުގައި ދައްކާ ގޮތުން، ދަރިމައިވާ ރޭޓު ވަނީ 1.7 ރޭޓަށް ދަށްވެފައެވެ. އަދި، 2013 ވަނަ އަހަރުން ފެށިގެން ދަރިން ހޯދާ މިންވަރު ވެސް ދަށްވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.