ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކުރުން -- ފޮޓޯ/ ދިރާގު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފިސް (ޕެންޝަން އޮފިސް)އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބާއްވާ މި ހަރަކާތަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަހަރީ ފައިނޭންސް ފޯރަމެވެ. މި ފޯރަމުގައި ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމަށް އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލާ އާދަމް އާތިފް ވިދާޅުވީ، ޕެންޝަން އޮފީހާ ގުޅިގެން މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޑިޖިޓަލް ޕާރޓްނަރަށް އަނެއްކާވެސް ވުމަކީ އެ ކުންފުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެގޮތުން މި މުހިންމު އިވެންޓަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އާތިފް ވިދާޅުވިއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް ކަމަށެވެ.

comment ކޮމެންޓް