އުދަ އަރާތީ ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

މާލޭގެ ސުވިމިންގ ޓްރެކް ސަރަހައްދަށް އުދަ އަރާފައި--- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އުދައަރާތީ ސިނަމާލެ ބުރިޖުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

ފުލުހުން ބުނީ އުދައަރާތީ ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ބުރިޖު ހައިވޭއިން ދަތުރުކުރާ މީހުން ރަނގަޅަށް ހެލްމެޓް އަޅައިގެން ދަތުރު ކުރުމަށާއި އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ވަގުތުތަކުގައި ކުޑަކުދިން ގޮވައިގެން ސައިކަލުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި އުދައާ ގުޅިގެން މަގުމައްޗަށް އެޅޭ ވެއްޔާއި ގަލަށް ވެސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ މިއަދު އުދަ އަރާނެ ކަމަށް މެންދުރު 13:15 އިން ފެށިގެން ހަވީރު 17:15 އަށް ހުދު ސަމާލުވެސް ނެރެފައެވެ. މި ވަގުތުގެ ތެރޭގައި ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އުދައިގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މާލޭގެ ސުވިމިންގ ޓްރެކް ސަރަހައްދަށް އުދަ އަރާފައި--- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

"ސަން" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދަށް އުދަ އަރަނީ، މިއީ ހަނދުމަހުގެ ދުވަސްވަރަށް ވުމުން ކަމަށެވެ. ހަނދު މަހުގެ 13،14 އަދި 15 ގައި އަކީ ހަނދު ބޮޑުވާ ދުވަސްތަކެއް ކަމަށާއި އުދަ އަރަނީ މިކަމުގެ ސަބަބުން ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލާ އެކުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް