މާލޭ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މީގެ ފަސް ދުވަސް ކުރިން ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގައެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑެއް ރޭވެސް ވަނީ ތަޅާލާފައެވެ. މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށަފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ވެސް ބަލާ ތަހުގީގު ކުރަމުންނެވެ.
އިސްރާއީލުން ފަލަސްތީނަށްދޭ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެ ގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ދޭތެރެއަކުން ރާއްޖޭގައި ކުރިއަށް ގެންދެއެވެ.