ފަތުރުވެރިންނަށް ޚާއްސަކޮށް، ނެޝަނަލް އާޓް ކަލެކްޝަން ހުޅުވަނީ

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު): ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ނޭޝަނަލް އާޓް ކަލެކްޝަނެއް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ނޭޝަނަލް އާޓް ކަލެކްޝަނެއް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ގައުމީ އާޓް ގެލަރީގައި ކުރިޔަށްދާ "އަންވެއިލިން ވިޝަންސް 2024" މައުރަޒު ބައްލަވާލެއްވުމަށް ފަހު އާޓިސްޓުންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމީ އާޓް ގެލަރީއަށް ދިރުން ގެނައުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ރާއްޖެއަށް އަންނަ ވަރަށް ގިނަ ފަތުރުވެރިން ދިވެހި އާޓިސްޓުންގެ އުފެއްދުންތައް ބަލާލުމަށް އާޓް ގެލަރީއަށް ޒިޔާރަތް ކުރާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އާޓް ގެލަރީގައި މަައުރަޒެއް ނޯންނަ ނަމަ، އެ ތަން ހުންނަނީ ތަޅުލާފައެވެ.

މީގެ ކުރިން ބޭއްވި އަންވެއިން އާޓް މައުރަޒުގެ ތެރެއިން --- ފޮޓޯ/ މެކް

އާޓް ގެލަރީއަށް ދިރުން ގެނައުމަށް، ފަތުރުވެރިންނަށް ޚާއްސަކޮށް، ނޭޝަނަލް އާޓް ކަލެކްޝަނެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ. އޭރުން އާޓް ގެލަރީގައި މައުރަޒެއް ނެތް ދުވަހަކު ވެސް، ފަތުރުވެރިންނަށް އެ ތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"ރައީސްގެ އިރުޝާދާ އެއްކޮށް ނޭޝަނަލް އާޓް ކަލެކްޝަން އަޅުގަނޑުމެން ވަރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލާނަން. އޭގެ ސަބަބުން މިތަނުގައި އެ ދުވަހު، އެ މަހު އެގްޒިބިޝަނެއް ނެތް ނަމަވެސް، ފަތުރުވެރިން އަބަދު ވެސް މި ތަނަށް ވަދެ ނުކުމެ ހެދުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ. އަދި އެއާ އެއްކޮށް މިތަން ދިރިގެންދާ ތަނެއްގެ ގޮތުގައި އޮންނާނެ," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވެރިކަމަށްވީ އަށް މަހާއި ތިން ދުވަހުގެ ތެރޭގައި އާޓް ގެލަރީގައި ޖުމްލަ ނުވަ މައުރަޒެެއް، 99 ދުވަހު ބޭއްވިފައިވެއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ އާޓުގެ ފަންނަކީ ކުރިއަރުވަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވައި، އާޓިސްޓުންގެ ވިސްނުމާ އެއްގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެއީ އުފެއްދުންތެރި އިގުތިސާދެއް ބިނާކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ތަރައްގީކުރާ ސްކޫލެކެވެ. އެ އާޓް ސްކޫލް ތަރައްގީކުރުމަށްޓަކައި ޝައުގުވެރިކަން ފާޅު ކުރުމަށް އިކޮނަމިކް މިނިސްޓްރީން އޮތީ ފުރުސަތު ވެސް ހުޅުވާލާފައެވެ.

https://www.sun.mv/191390

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވެރިކަން ނިމުމުގެ ކުރީން ބައިނަލްއަގުވާމީ އާޓް ސްކޫލެއް ހުޅުވިގެންދާނެއެވެ. އަދި ކަމުގެ ތަޖުރިބާކާރުންނާ އެކު، އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ރައީސް ޑރ. މުޢިއްޒު ވަނީ "އަންވެއިލިން ވިޝަންސް" މައުރަޒު ބައްލަވާލައްވާފައެވެ. އެ މައުރަޒުގައި ޖުމްލަ 105 ބައިވެރިންގެ އުފެއްދުންތައް ދައްކާލާފައިވެއެވެ.

comment ކޮމެންޓް