އަންނަ އަހަރުން ފެށިގެން އާޓިސްޓުންނަށް ހިލޭ އެހީގެ ގޮތުގައި 25 މިލިއަން ދޫކުރާނަން: ރައީސް

"އަންވެއިލިންގް ވިޝަން 2024" މައުރަޒު ބައްލަވާލައްވަނީ -- ފޮޓޯ/ ނާއިޝް ނާހިދު

އާޓު ކުރިއެރުވުމަށާއި ދަސްކުރަން ބޭނުންވާ މީހުންނަށާއި ޖަމިއްޔާތަކަށް އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި 25 މިލިއަން ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "އަންވެއިލިންގް ވިޝަން 2024" މައުރަޒު ބައްލަވާލެއްވުމަށްފަހު އާޓިސްޓުންނާ ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އާޓަށް މާބޮޑު ސަމާލުކަމެއް ނުދެވޭ ކަމަށެވެ. އެހެންކަމުން، ސަރުކާރުން ދޭ ފައިސާގެ ތެރޭގައި، ފަންނުވެރިން ބޭނުންވާ އާލާތްތައް ގަތުމަށް ބޭނުންވާ ފަންޑާއި އެހެނިހެން ގޮތްގޮތުން ކުރިއަށް ދިއުމަށް ވަކި ބަޖެޓެއް ކަނޑައަޅާ، ފަންނުވެރިންނަށް ފައިސާ ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އަންނަ އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީއަށް ޚަރަދު ކުރުމަށް ތިބޭފުޅުންނަށް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅޭ އުސޫކެއްގެ ެތރެއިން 25 މިނިއަން ރުފިޔާ ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އާޓިސްޓުންގެ މަސައްކަތް ވިއްކުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި މިފަދަ މައުރަޒުތައް ބާއްވަން ނެޝަނަލް އާޓް ގެލެރީއަށްވުރެ ބޮޑު ޖާގައެއް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނެޝަނަލް އާޓް ގެލެރީގެ އިތުރުން ހުޅުމާލޭގައި ގާއިމްކުރަން ނިންމާފައިވާ ޔޫތު މިނިސްޓްރީގެ ކަންކަމަށް ޚާއްސަ އިމާރާތުގެ ދަށުން ވެސް ފަންނުވެރިންނަށް ޚާއްސަ ބޮޑު ޖާގައެއް ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ސަރަހައްދުތަކުގައި ވެސް މައުރަޒު ބޭއްވުމަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަތްތަކުން ވިސްނުންތަކުން މިކުރެވޭ މަސައްކަތުން އުފެދޭ ޓެލެންޓު، މެޓީރިއަލް ޓެލެންޓު އަދި އެހެނިހެން އިންޓލެކްޗުއަލް ޓެލެންޓު ބޭނުންކޮށްގެން މި އުފައްދާ އުފެއްދުންތައް އިންޝަނޭޝަނަލް ޑިޖިޓަލް ޕްލެޓްފޯމްގައި ވިއްކޭނެ ގޮތް މަގުފަހިކޮށްދިނުން އެއީ އަޅުގަނޑުމެންގެ މެނިފެސްޓޫގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް،" ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތައް ކާމިޔާބު ވުމުން، ފަންނުވެރިންގެ މަސައްކަތްތައް ދުނިޔޭގެ ކޮންމެ ތަނަކަށް ވިއްކާ އޭގެން އާމުދަނީ ހޯދުމުގެ މަގު ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސާއެކު "އަންވެއިލިން ވިޝަން 2024" ބައްލަވާލެއްވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ލޯކަލް ގަނަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް