ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި މުއްދަތުގައި ނުގަވައިދުން އެއްވެސް ބިމެއް ވިއްކައި ކުއްޔަށްދިނުން ފަދަ އަމަލެއް ނުހިންގަވާ ކަމަށް، މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ޕީއެންސީއާ ފަހުން ގުޅިވަޑައިގެންނެވި ޢަރީޝް 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް މާލޭގެ މޭޔަރުކަން ކުރެއްވި ދެ އަހަރާއި ހަ މަހުގެ މުއްދަތުގައި މަސައްކަތްކުރެއްވީ މާލޭގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދިއުމަށް ޓަކައި ކަމަށެވެ.
"އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖުތިމާއީ ރޫހު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް،" ޢަރީޝް ލިޔުއްވާފައިވެއެވެ.
އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް, ވާދަކުރައްވާ ޢަލީ ޢާޒިމަށް ދެއްވި ނުސީދާ ރައްދެއްގައި ޢަރީޝް ވަނީ، މާލޭގެ މޭޔަރުކަމުގެ ކެމްޕެއިންގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅުވައި ޢަރީޝްގެ ޕޯސްޓުގައިވަނީ، ކައުންސިލުތައް އޮންނަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ދޭން ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ދީ، ތަރައްގީ ގެނައުމަށް ޓަކައި ކަމަށެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް، މޭޔަރު އާދަމް ޢާޒިމާ އެކު -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގެ އިންތިޚާބު ކާމިޔާބުކުރަން އެދޭ ނަމަ، ދައްކަންވީ މާލޭގެ ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަކަމަށް ވެސް، ޢަރީޝް ލިޔުއްވާފައިވެއެވެ.
"...ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކަ، ރައްޔިތުންނާ ގާތުން، ޚިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ،" އޭނާގެ ޕޯސްޓުގައިވެއެވެ.
މާލޭގެ އެއްވެސް ބިމެއް ނުގަވައިދުން ވިއްކައި ކުއްޔަށްދިނުން ފަދަ އަމަލެއް ނުހިންގަވާ ކަމަށް ޢަރީޝް ވިދާޅުވިނަމަވެސް، ރައީސްގެ މޭޔަރުކަމުގައި މާލޭން ޕާކިން ޒޯނަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބެލިއެވެ.
އަދި މާލޭން ޕާކިން ސްލޮޓުތައް ވިއްކުމުގެ މުއާމަލާތް ހިނގަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަވެގެންތޯ ބެލުމަށާއި އެކަމަށް ކަނޑައަޅާފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލަން ކަމަށް ބުނެ، އަމިއްލަ ފަރާތްތަކަށް 1،000 ޕާކިން ސްލޮޓު ވިއްކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ހުއްޓުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، ކައުންސިލުތަކަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަމުގެ ބާރު ތެރޭ އޮންނަ ވަކި ފަށަލައެއް ކަމަށާއި، އެއީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، ރަށްވެހިކަމުގެ ޚިދުމަތްތައް ދޭން ތިބޭ ބައެއް ކަމަށެވެ.
"ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ މުއައްސަސާއެއް ނޫން، ގާނޫނީ ގޮތަކުން ވެސް، ސަރުކާރު ޖަވާބުދާރީކުރުވަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިން ކުރަންޏާ އެއީ ފުރަތަމަ ވެސް ނުބައި ސިގުނަލެއް، ރައްޔިތުން ވިސްނަންޖެހޭ ސިގުނަލެއް އެއީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަގުސަދުގައި ކައުންސިލަރުން އިންތިޚާބުކުރާ ނަމަ ރަށްވެހިކަމުގެ މަސައްކަތްތައް ހުއްޓި، ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި ހިނގާނީ ސިޔާސީ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ.
"ފުރަތަމަވެސް އޭރުން އެ ހިސާބުން އެ ރަށެއްގެ އެ ސިޓީއެއްގެ މަސައްކަތްތައް ހުއްޓޭނީ ނޫންތޯ؟ ޖަވާބުދާރީކުރުވުމުގެ ނިޔަތުގައި އިޚުލާސްތެރި މަސައްކަތެއްނޫން ހިނގާނީކީއެއް، ހިނގާނީ ސިޔާސީ މަސައްކަތް، ސިޔާސީގޮތުން ސަރުކާރު މަސައްކަތް ހިފަހައްޓަން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުނަ ނުދީ ހިފެހެއްޓެން އޮތް ގޮތަކަށް ހިފަހައްޓަން މަސައްކަތްކުރާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރިގޮތާ ގުޅޭ މައްސަލަ ފެށުމާއެކު، އެމަނިކުފާނުގެ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައެވެ. 18 ކައުންސިލަރުން ތިއްބަވާއިރު، ކޯރަމް ހަމަވާނީ 10 ކައުންސިލަރުން ތިބުމުންނެވެ.
މާލެ ސިޓީ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮންނަނީ ޕީއެންސީގައެވެ. އެ ޕާޓީ ތަމްސީލުކުރައްވާ 14 ކައުންސިލަރުން ތިއްބަވައެވެ.