ވ. އަތޮޅަށް ފަހު ފ. އަތޮޅު ނިލަންދޫން ވެސް ބޮޑު މަހެއް ފެނިއްޖެއެވެ.
ނިލަންދޫ ކައިރީ ބޮޑުމަސް ހަރަކާތްތެރިވާ ވީޑިއޯއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯއިން ބޮޑުމަސް ދެފަހަރު ފެނުން މައްޗަށް ފުންމާތަން ފެނެއެވެ.
ނިލަންދޫއަށް ނިސްބަތްވާ މީހަކު "ސަން"އަށް މައުލޫމާތުދެމުން ބުނީ ނިލަންދޫ ކައިރިން މިއަދު ބޮޑު މަހެއް ފެނުނު ކަމަށެވެ. ގިނަ މީހުންނަށް ރަށް ކައިރިން ބޮޑުމަސް ފެނުންކަން އިނގުނީ ސޯޝަލްމީޑިއާގައި ވީޑިއޯ ދައުރު ވުމުން ކަމަށް އޭނާ ބުންޏެވެ.
ނިލަންދޫ ކައިރިން ފެނުނު ބޮޑުމަސް ވީޑިއޯ ކުރި މުހައްމަދު ސޮބާހު "ސަން"އަށް މައުލޫމާތު ދެމުން ބުނީ ބޮޑުމަސް ފެނުނީ 04:45 ހާއިރު އެރަށު މީހުން ދަތުރޮ ގޮސް، އުޅެ ހަދާ އަތިރިމައްޗާ ދިމާލުން ކަމަށެވެ.
"ސައިބޯން ތިއްބާ ދައްތައެއްގެ ކުއްޖަކު ބުނީ އެއޮތީ ވަރަށް ބޮޑު މަހެކޭ. ފުރަތަމަ އެންމެން ހީކުރީ ކޯމަހެއް ކަމަށް، އިރުކޮޅަކުން ފެންނަނީ އޭތި ނޭވާލާއިރު ފެންގަނޑު ބުރުވާލާ މަންޒަރު. އެންމެން ބުނެފި ކޯމަސް ފުންމާ ގޮތަކަށް ނޫނޭ އެ ފުންމަނީ" ސޮބާހު ބުންޏެވެ.
ސޮބާހު ބުނީ ބޮޑުމަސް ނޭވާލާން މައްޗަށް އަރާވަގުތު ކުޑަވުމުން، އެމީހުނަށް ރަނގަޅު ފޮޓޯއެއް ނެގިފައި ނުވާ ކަމަށެވެ.
" އަޅުގަނޑު ކުރިކަމަކީ އަޅުގަނޑުގެ އެސް 24 އަލްޓުރާ ޒޫމްކޮށްގެން ވީޑިއޯ ޖައްސައިގެން އިނީ. ދެ ފަހަރަކު އޭތި ފުންމާލިތަން ކަޓް ކޮށްލީ."
ސޮބާހު ބުނީ އޭނާ އަކީ ގިނައިން ވީޑިއޯ ކޮށް އުޅޭ މީހަކަށް ވުމުން ގިނަ މީހުންނަށް ހީކުރެވުނީ އެއީ އެޑިޓް ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. ނަމަވެސް ކަން ދިމާކުރިގޮތުން ގޮނޑުދޮށާ ދިމާލުގައި އިތުރު ބަޔަކު ތިބިކަމަށް އޭނާ ބުންޏެވެ.
މިފަހުން ވ އަތޮޅު ސިނަމޮން ދޮންވެލި ކައިރިން ވެސް ވަނީ ބޮޑުމަހެއް ފެނިފައެވެ.
އެ ބޮޑުމަހާއެކު ކ. މާފުށީގައި ގެސްޓް ހައުސްއާއި އެކްސްކާޝަން ހިންގުމުގައި ހަރަކާތްތެރިވާ ޝެޑޯ ޕާމް ގެސްޓްހައުސްއިންނެގި ވީޑިއޯއަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އޭބީސީ ނިއުސްއިން ވަނީ މި ވީޑިއޯ ދައްކާ މިއީ ރާއްޖޭގެ ރީތި މަންޒަރުކަން ފާހަގަކޮށްފައެވެ.
ދުނިޔޭގައި ވެސް މަދުން ފެންނަ ބޮޑުމަހަކީ 90 ފޫޓަށް ދިގުވާ މަހެކެވެ. އަދި، ބޮޑުމަހުގެ ބަރުދަން 100،000 ޕައުންޑަށް އަރައެވެ.
ބޮޑުމަސް ރާއްޖެއިން ފެނުމަކީ އެހާ އާންމުކަމެއް ނޫނެވެ. ނަމަވެސް ދިރާސާގޮތުން ދައްކާ ގޮތުގައި މޫސުމޫ ބަދަލުތަކާއެކީގައި އެސޮރުމެން ކާނާ ހޯދުމަށް ހިޖުރަކުރެއެވެ.
ވ އަތޮޅުންނާއި ފ. ނިލަންދޫއިން ފެނުނު ބޮޑުމަހަކީވެސް އެގޮތަށް ހިޖުރަކުރި ބޮޑުމަހެއް ކަމަށް ބެލެވެއެވެ.