ބޮޑުމަހާއެކު މާފުށީ ގެސްޓްހައުސްއަކުން ނެގި ވީޑިއޯއަށް ދުނިޔޭގެ ސަމާލުކަން

ޝެޑޯ ޕާމް ގެސްޓްހައުސްއިން ބޮޑުމަހަކާއެކު ނެގި ވީޑިއޯގެ މަންޒަރެއް --

ކ. މާފުށީގައި ގެސްޓް ހައުސްއާއި އެކްސްކާޝަން ހިންގުމުގައި ހަރަކާތްތެރިވާ ޝެޑޯ ޕާމް ގެސްޓްހައުސްއިން ބޮޑުމަހަކާ އެކު ނެގި ވީޑިއޯއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މަދުން ނޫނީ ނުފެންނަ "ބްލޫ ވޭލް" ނުވަތަ ބޮޑުމަސް ފެނުނީ ވ. އަތޮޅުގައި އޮންނަ ސިނަމޮން ދޮންވެލި ކައިރިންނެވެ. މި މަސް ފެނުނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޝެޑޯ ޕާމްގެ ވެރިއާ އަލީ ރައްޒާން "ސަން"އަށް ހިއްސާކުރެއްވި ގޮތުގައި ގެސްޓްހައުސްގެ އެކްސްކާޝަން ޓީމަށް ފުރަތަމަ ފެނުނީ ބޮޑުމަސް ނޭވާލާން ލޮނުގަނޑު ބުރުވާލި މަންޒަރެވެ. އެހެންކަމުން އެ ޓީމުން ޑްރޯން އަރުވާ ބެލިބެލުމުން ބޮޑުމަސް ފެނުނެވެ.

ރައްޒާން ވިދާޅުވީ، ބޮޑުމަހުގެ ވީޑިއޯ ނެގުނީ ތިންވަރަކަށް ދުވަހު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި, ވީޑިއޯ ވައިރަލް ވާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑުމަހަކީ ވަރަށް މަދުން ފެންނަ އެއްޗެއް. އެހެންވީމާ މި ކަހަލަ ވީޑިއޯއެއް ނަގައިފިއްޔާ އެނގޭ ވައިރަލް ވާނެކަން. ކުރިން ވެސް އަޅުގަނޑުމެން ނެގި ވީޑިއޯތައް ވަނީ ވައިރަލްވެފައި،" ރައްޒާން ވިދާޅުވިއެވެ.

ޝެޑޯ ޕާމްއިން ނެގި ވީޑިއޯއިން ފެންނަނީ ބޮޑުމަހާ އެކު އެ ގެސްޓަހައުސްގެ ސްޓާފެއް ފީނާ މަންޒަރެވެ. މިއީ އެންމެ ފަހުގެ އާލާތްތައް ބޭނުންކޮށްގެން ނަގާފައިވާ ވީޑިއޯއެއްކަން ވެސް ރައްޒާން ފާހަގަކުރެއްވިއެވެ.

މި ވީޑިއޯ ވައިގައި ހިފުމާ އެކު ދުނިޔޭގެ މަޝްހޫރު އޭބީސީ ނިއުސްއިން ޝެޑީ ޕާމްގެ ވެރިޔާ ރައްޒާނަށް ގުޅާ އެ ވީޑިއޯ އެ މީހުންގެ ޚަބަރުތަކުގައި ދެއްކުމުގެ ހުއްދައަށް އެދުނެވެ.

އޭބީސީ ނިއުސްއިން ވަނީ މި ވީޑިއޯ ދައްކާ މިއީ ރާއްޖޭގެ ރީތި މަންޒަރުކަން ފާހަގަކޮށްފައެވެ. އަދި، މިއީ އާދަޔާ ޚިލާފު މަންޒަރެއް ކަމަށާއި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަން ފާހަގަކޮށްފައިވެއެވެ.

ރައްޒާން ވިދާޅުވީ، މި ވީޑިއޯ ދުނިޔޭގެ ސަމާލުކަމަށް އައުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެކުމެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މާފުއްޓަށް ވެސް ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އެއީ، ރާއްޖެ ވަރަށް ބޮޑަށް މާކެޓްވެގެން އެ ދިޔައީ،"

އޭބީސީ ނިއުސްއިން ވަނީ މި ވީޑިއޯ އެ މީހުންގެ ޚަބަރު ގަޑީގައި ދައްކާ ދެ ފަހަރެއްގެ މަތިން ޕޯސްޓު ވެސް ކޮށްފައެވެ. މި ޕޯސްޓުތަކަށް ވަނީ ގިނަ އަދަދެއްގެ ލައިކް ވެސް ލިބިފައެވެ.

ދުނިޔޭގައި ވެސް މަދުން ފެންނަ ބޮޑުމަހަކީ 90 ފޫޓަށް ދިގުވާ މަހެކެވެ. އަދި، ބޮޑުމަހުގެ ބަރުދަން 100،000 ޕައުންޑަށް އަރައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް