މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއެއް ހުސްވެފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.
މިއަދު ހެނދުނު 08:00 ގައި ފެށި މި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 16:00 އާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކުރިމަތިލާގައި ވަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން އެކަންޏެވެ.
އެގޮތުން މި ބައި-އިލެކްޝަންގައި މާލޭގެ އެކި ސަރަހައްދުތަކުގައި 12 ވޯޓު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އަދި ހުޅުމާލޭގައި އަށް ފޮށި ބަހައްޓާފައިވެއެވެ.
އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހެނދުނު ނުވައެއް ޖެހުމާއި ހަމައަށް 362 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ 2.67 އިންސައްތައެވެ. ބާކީ ވޯޓު ނުލާ 12،750 މީހުން އެބަތިއްބެވެ.
މި ބައި އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓުންނަކީ:
މައްޗަން ގޮޅި މެދު ދާއިރާ
- ފާތިނަތު އިޝާން އަލީ، އައިނާއެޑަމްސް/ ޕީއެންސީ
- ހައްވާ ޝިފާނާ، މއ. ރިހިރާޅު/ އެމްޑީޕީ
ހެންވޭރު ހުޅަނދު ދާއިރާ
- ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން/ ޕީއެންސީ
- މުހައްމަދު ޢަލީ ޖިނާދު، ހ. ގްރީންޒެސްޓް/ އެމްޑީޕީ
ހުޅުމާލެ ދާއިރާ
- އަލީ އައިމަން، ހ. ފުޖޭރާ/ ޕީއެންސީ
- އަހުމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3/ އެމްޑީޕީ
ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން މާލޭ މޭޔަރު ކަމުގެ މަޤާމު ހުސްވިއެވެ.
އެއަށް ފަހު ބައި އިލެކްޝަން ބާއްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމެވެ. އާޒިމް ވަނީ ވޭތުވެ ދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވައިފައެވެ.
މީގެ އިތުރުންވެސް ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބާއްވާ ބައި-އިލެކްޝަން ވެސް މިއަދު ކުރިއަށް އެބަދެއެވެ.