މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފިއެވެ.
ފުލުހުން ބުނީ ރޭގެ 04:32 ހާއިރު އަމީނީ މަގު ކޭއެފްސީގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހައި ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ. ފުލުހުން ބުނީ އެރޭ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ ދަންވަރު 3:06 ހާއިރުގައި ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
އިސްރާއީލުން ފަލަސްތީނަށްދޭ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެ ގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ދޭތެރެއަކުން ކުރިއަށް ގެންދެއެވެ. އެގޮތުން މާލޭގައި ހިންގަމުން އަންނަ ޕިއްޒާ ހަޓަށް މީގެ ކުރިން ކަޅުތެޔޮ ޖަހައިފައިވެއެވެ.