އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19އަށް ޕޮޒިޓިވްވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅުވައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވައިޓް ހައުސްއިން ބުނި ގޮތުގައި ބައިޑެންއަށް ކޮވިޑް ޖެހިފައި ވަނީ ލަސް ވެގަސްއަށް ރިޔާސީ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ބައްޔަށް ޕޮޒިޓުވްވުމުން ބައިޑެން ޑެލަވެއާއަށް ވަޑައިގަންނަވައި، އަމިއްލައަށް އެކަހެރިވެ ވަޑައިގެންފައިވާ ކަމަށް ވެސް ވައިޓް ހައުސްއިން ބުންޏެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ އިސް ދެ ބޭފުޅެއް ކަމަށްވާ، ސެނެޓް މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ އާއި ހައުސް މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރިސް ވަނީ ބައިޑެންއާ ވަކިވަކިން ބައްދަލުކުރައްވައި، ދެވަނަ ދައުރަކަށް ބައިޑެން ވާދަކުރެއްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން ކޮންގްރެސްގެ ތިރީގޭގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ ވެސް ބައިޑެންއާ ބައްދަލުކުރައްވައި، އިދިކޮޅު ޑޮނަލްޑް ޓްރަމްޕް ބަލިނުކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތު އުފެދިފައިވަނީ، ބައިޑެން އާއި ޓްރަމްޕްގެ ރިޔާސީ ބަހުސްއިން ބައިޑެން ވަރަށް ބަލިކަށިކޮށް ފެނުމުން މަގުބޫލުކަން ދަށްވަމުންދާ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފައި ވަނިކޮށެވެ.
ވައިޓް ހައުސްއިން ވަނީ ބައިޑެން އެކަހެރިވެގެން ހުންނެވި ނަމަވެސް، ރައީސް ކަމުގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ބައިޑެން ދެމި ހުންނަވާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، 81 އަހަރުގެ ބައިޑެންގެ ފަރާތުން މާބޮޑު އަލާމާތްތަކެއް ނުފެންނަ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް ވައިޓް ހައުސްއިން ބުންޏެވެ. އަދި ބައިޑެން ވަނީ ވެކްސިން ޑޯޒްތައް ފުރިހަމަ ކުރައްވައިފައި ކަމަށްވެސް ވައިޓް ހައުސްއިން ފާހަގަކުރިއެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ޖުލައި މަހު ވެސް ބައިޑެންއަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެފައި މި ވަނީ ރިޔާސީ ކެމްޕޭންގެ މުހިންމު ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައެވެ.