ދިވެހީންނަށް ދެން ވިސާއާނުލައި ތައިލޭންޑުގައި 60 ދުވަހު ތިބެވޭނެ

ތައިލޭންޑުގެ ބެންގްކޮކް --

ރާއްޖެއިން ތައިލޭންޑަށް ދަތުރުކުރާ ދިވެހީންނަށް ދެން ވިސާ ނެގުމަކައިނުލައި 60 ދުވަހު ތައިލޭންޑުގައި ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، މި މަހު 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ.

މިގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ބުންޏެވެ.

އެއާއެކު އެ މިނިސްޓްރީންވަނީ ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމުގެ މުހިއްމުކަމާއި ،ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ގިނަ ގައުމުތަކަކުން އަންނަނީ ދިވެހީންނަށް އެ ގައުމުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެމުންނެވެ.

comment ކޮމެންޓް