އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގެ ރަސްގެފާނުގެ ދަރިކަނބަލުން ޝައިހާ މަހްރާއާއި ފިރިމީހާ ޝެއިހް މަނާ ބިން މުހައްމަދު ބިން ރާޝިދު ބިން މަނާ އަލް މަޚްތޫމްގެ ކައިވެނި ރޫޅައިލިކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ.
ދުބާއީގެ ރަސްގެފާނު ވަރަށް ލޯބިފުޅުވާ ޕްރިންސަސް ޝައިހާ މަހްރާ ކައިވެނި ބައްލަވައިގެންނެވި ޝެއިހް މަނާ ބިން މުހައްމަދު ބިން ރާޝިދު ބިން މަނާ އަލް މަޚްތޫމަކީ އެމިރޭޓްސްގެ ވިޔަފާރިވެރިއެކެވެ. ޕްރިންސަސް ޝައިހާ މަހްރާގެ ކައިވެނި ރޫޅާލަން ނިންމެވި ނިންމެވުމުގެ ފަހަތުގައި ވަނީ ފިރިކަލުން ކައިވެނިން ބޭރުން އެހެން އަންހެނުންތަކަކާ ގުޅުން ބޭއްވުންކަން އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓުން ދޭހަވެއެވެ.

ކައިވެނި ރޫޅާލިކަން އިއުލާނު ކުރައްވާ ޝައިހާ މަހްރާ ކުރެއްވި އިންސްޓަގްރާމް ޕޯސްޓު--ފޮޓޯ/ކާލީޓެއިލްސް
އިންޓަނެޓުގައި ވަރަށް ހަލުވިކޮށް ޝައިހާ މަހްރާގެ އިންސްޓަގްރާމް ޕޯސްޓު ދައުރުވަމުން ދާއިރު ގިނަ ބައެއްގެ ސަމާލުކަން މި ޕޯސްޓަށް ލިބުނީ ޝައިހާ މަހްރާ އަމިއްލަފުޅަށް ފިރިމީހާ ގާތުން ވަރިވެފައިވާ ކަމަށް ވިދާޅުވެފައިވުމުންނެވެ. ޝައިހާ މަހްރާގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ދެމަފިރިންގެ ފޮޓޯތައް ވެސް ވަނީ ޑިލީޓްކޮށްލައިފައެވެ.
މިދިޔަ އަހަރު ތެރޭ ވަރަށް ކުލަގަދަކޮށް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމަށް ފަހު ޝައިހާ މަހްރާ ބަލިވެއިންކަން އިއުލާނުކޮށްފައިވަނީ ކައިވެންޏަށް ފަސް މަސް ވީ ފަހުންނެވެ.
ސޯޝަލް މީޑިއާ އެކައުންޓުތަކުން ދެމަފިރިން ވެސް އެކަކު އަނެކަކަށް އަންފޮލޯކޮށްފައިވާއިރު ގިނަ ބަޔަކު ބުނަމުން އަންނަނީ މި ޚަބަރު ގަބޫލުކުރަން ދަތި ކަމަށެވެ.

ދުބާއީގެ ޝައިހާ މަހްރާ--ފޮޓޯ/ދަ ޑުބާއީ ވީކްލީ
މިއީ ޝައިހާ މަހްރާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަޔަކު ހެކް ކުރުމަށް ފަހު ހިންގި އަމަލެއްގެ ގޮތުގައި ވެސް އެއް ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އަރަބި ދުނިޔޭގެ އަންހެނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝައިހާ މަހްރާއަކީ އަންހެނުން ބާރުވެރި ކުރުވުމަށާއި ޑިޒައިންކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އެހީތެރިކަން ފޯރުކޮށްދީ ވަކާލާތުކުރައްވާ ބޭކަނބަލެކެވެ.
އަމިއްލަފުޅު ކައިވެނީގެ މައްސަލަތަކަށް ފާޅުގައި ހައްލެއް ހޯދުމަށް އެޅުއްވި ހިތްވަރުގަދަ ފިޔަވަޅާ އެކު ޝާހީ އާއިލާގެ ޒަމާނީ އަދި ހިތްވަރު ގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ޝައިހާ މަހްރާ ސިފަކުރަމުންނެވެ.