މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރް ޕްރޮފެޝަނަލްސް (މާޕް)ގެ ހިއުމަން ރިސޯސް އެކްސެލެންސް އެވޯޑް ހަފުލާ އަންނަ ހަފުތާގެ ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މާޕްގެ އެވޯޑަކީ ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި މުވައްޒަފުންނާ ގުޅޭ ކަންކަން ހަރުދަނާ އުސޫލަކުން، އެކަމަށް އިސްކަންދީގެން ހިންގާ ކުންފުނިތަކަށް ޚާއްސަ ކޮށްގެން ދޭ އެވޯޑެކެވެ.
އެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަސްގައެވެ.
މާޕް ހިއުމަން ރިސޯސް އެކްސެލެންސް އެވޯޑުގައި ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ ފަރުދުންނަށް ޚާއްސަކޮށްގެން ދޭ ތިން އެވޯޑަކާއި ކުންފުނިތަކަށް ޚާއްސަކޮށްގެންދޭ ހަތް އެވޯޑެއް ހިމެނެއެވެ.
މިދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރުދުންނަށް ދެވޭ އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ:
- އައުޓްސްޓޭންޑިން އެޗްއާރު ލީޑާސް އޮފްދަ އިޔާ
- އިމާޖިން އެޗްއާރު ލީޑާސް އެވޯޑް
- އެކްސެލަންސް އިން ވިމެން އެޗްއާރު ލީޑާ
މުވައްޒަފުންނާ ގުޅޭ ކަންކަން ހަރުދަނާ އުސޫލަކުން އިސްކަންދީގެން ހިންގާ ކުންފުނިތަކަށް ޚާއްސަ ކޮށްގެން ދޭ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:
- އެކްސެލެންސް އިން އެޗްއާރު އިނޮވޭޝަން
- އެކްސެލެންސް އިން ވޯކްޕްލޭސް ކަލްޗާ
- އެކްސެލެންސް އިން ޓެލެންޓް ޑިވޮލަޕްމަންޓް
- އެކްސެލެންސް އިން އެންޕްލޯއީސް ވެލްނަސް އެންޑް ވެލްބީން
- އެކްސެލެންސް އިން އިކުއިޓީ ޑައިވާސިޓީ އެންޑް އިންކްލޫޝަން
- އެކްސެލެންސް އިން އެޗްއާރު ޓެކް
- މޯސްޓް ޕީޕަލް ފޯކަސް ލީޑާ
މާޕްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، އެ އެވޯޑް ހަފުލާއާއެކު، އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރެވޭތީ އުފާ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މި ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރާ ފުރަތަމަ ބަޔަކަށް މާޕް ވާތީ، އެކަމާ ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މާޕްއިން ކޮންމެ ދެ އަހަރުން އެއް އަހަރު މި އެވޯޑް ދޭނެ ކަމަށާއި އެއީ ހިއުމަން ރިސޯސް ދާއިރާއަށް ހެޔޮ ބަދަލުތައް ގެނައުމަށް ދެވޭނެ ހިތްވަރަކަށް ވާނެ ކަމަށެވެ.
މާޕްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިފަދަ އެވޯޑެއް ތައާރަފު ކުރުމުގެ އަމާޒަކީ ތަފާތު ދެ ފެންވަރެއްގައި ހިއުމަން ރިސޯސް ޕްރޮފެޝަނަލުންގެ އަގުވަޒަންކުރުމާއި ގައުމީ ފެންވަރުގެ އެވޯޑެއް އެކަމަށް ޚާއްސަކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ [ދާއިރާގައި ޝާމިލްވާ] ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، ހިއުމަން ރިސޯސް ޑެވެލޮޕްމެންޓް ދާއިރާގައި މަސައްކަތް ކުރުމަށް ޒުވާނުން ޝައުގުވެރިކުރުވައި، ޖަމިއްޔާތަކާއި ގައުމުތަކުގެ ކާމިޔާބީގައި ހިއުމަން ރިސޯސަސްގެ ދައުރު މުހިންމުކަން ފާހަގަކުރުމަށް ހިތްވަރު ދިނުން،" މާޕްއިން ބުންޏެވެ.
މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ދެހާސް އަށާރައިގައި ރެޖިސްޓާކުރި މާޕްއިން އިންސާނީ ވަސީލަތުގެ ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގައިފައިވެއެވެ.
މާޕްއިން ކޮންމެ އަހަރަކު ބާއްވާ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯއަކީ ރާއްޖެއިން އުނގެނުމާއި ތަރައްގީއަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއްވުމެވެ.