އެޑްވަޓޯރިއަލް: އީޓުކުރިއާއެކު 'ހުވަނދު'ގެ ކުރިއެރުން

ހުވަނދުގެ އުފެއްދުންތަކެއް: އީޓުކުރިން މި އުފެއްދުންތައް ލިބެން ހުންނާނެ --

ރާއްޖޭގެ ރަށްތަކަށް ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ އީޓުކުރިން، ދިވެހި ބޭހުގެ ބާވަތްތައް ވެސް މިހާރު ލިބެން އެބަހުއްޓެވެ. އެގޮތުން އީޓުކުރީގައި ހިމެނޭ ވިޔަފާރިއެއް ކަމަށްވާ 'ހުވަނދު' ފާހަގަކުރެވެއެވެ. އެ ބްރޭންޑަކީ ކޯލްޑް ޕްރެސްޑް ތަމަނު އޮއިލް އާއި ތަމަނު އޮއިލް ބޭނުންކޮށްގެން ދިވެހި ބޭހުގައި ބޭނުން ކުރެވޭ ބައެއް ތެޔޮ އުފައްދާ ބަޔެކެވެ.

ފުވައްމުލަކުގައި ގާއިމުވެފައިވާ 'ހުވަނދު'ގެ އުފެއްދުންތަކަށް މުޅިން ވެސް ބޭނުންކުރަނީ ގުދުރަތީ މާއްދާތަކެވެ.

އެ ވިޔަފާރީގެ ބާނީ، ފުވައްމުލަކަށް އުފަން މުޙައްމަދު އަފްރާހު ބުނި ގޮތުގައި އެ ބްރޭންޑަކީ އޭނާ އާމްދަނީ ހޯދަން ފެށި ކުޑަ މަސައަކަތެއްގެ ނަތީޖާއެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ފެށީ ކާށި ތެޔޮ ހަދައިގެން ކައިރި ފިހާރަތަކަށް ވިއްކަން ކަމަށް އަފްރާހު ބުންޏެވެ. ނަމަވެސް މާ ކުރިންސުރެ އޭނާ އައީ ދިވެހި ބޭސްވެރިކަން ދަސްކުރަމުންނެވެ.

"އަޅުގަނޑު އެންމެ ކުރިންސުރެ މާމަމެން ފަރާތުން ދަސްކުރަމުން އައީ ދިވެހި ބޭސްވެރިކަން. ކައިރި ރަށްރަށަށް ގޮސްވެސް ދިވެހި ބޭސްވެރިކަން ކޮށްދީ އުޅުނިން." އަފްރާހު ބުންޏެވެ.

ދިވެހި ބޭސްވެރިކަން ދަސްކުރަމުން ގޮސް، ކާށި ތެލަށް ފަހު ފުނަ ތެޔޮ ހަދަން އޭނާ ދަސްކޮށް، ތަމަނު އޮއިލް އުފެއްދީ އެ މަސައްކަތްތަކުގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.

އެ މަސައްކަތް ފުޅާކޮށްދިނީ އީޓުކުރިން ކަން އަފްރާހު ފާހަގަކުރިއެވެ.

"ތަމަނު އޮއިލް، ހުވަނދުގެ ބްރޭންޑް އެއްގޮތުގަ އުފެދިގެން އައީ އީޓުކުރި އުފައްދާ، އަދި އީޓުކުރިން ވިޔަފާރި ކުރެވެން ފެށި ފަހުން." އޭނާ ބުންޏެވެ.

ވިޔަފާރި ކުރުމަށް އީޓުކުރި ޚިޔާރު ކުރި ސަބަބުތައް ކިޔައިދެމުން އަފްރާހު ފާހަގަކުރީ އީޓުކުރި މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ފަސޭހަކަމާއެކު، އަވަހަށް އެއްޗެހި ޑެލިވާ ކުރެވޭ ކަމެވެ. އަދި އީޓުކުރިއަށް ރެޖިސްޓްރޭޝަން ފީއެއް ނެތުމުން މުޅިން ހިލޭ ބައިވެރިވެވޭ ކަމާއި އެއީ ސަރުކާރުގެ ކުންފުންޏަކުން ހިންގާ ޕްލެޓްފޯމަކަށް ވުމުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

"މޯލްޑިވްސް ޕޯސްޓަކީ ޤަރުނަކަށްވުރެ ގިނަ ދުވަހުގެ ތާރީޚެއް އޮތް ކުންފުންޏެއް. އެހެންވީމަ އަޅުގަނޑަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އޮވޭ އީޓުކުރިއަށް. އަދި އީޓުކުރި ޓީމަކީ ވަރަށް ފުރިހަމަ ހިންގުންތެރިކަމާއެކު މަސައްކަތް ކުރާ ޓީމަކަށްވެފައި، އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބި އަދި އެބޭފުޅުންނާ ގާތުން މަސައްކަތް ކުރެވޭތީ." އޭނާ ބުންޏެވެ.

މީގެ އިތުރުން އީޓުކުރިން ކަސްޓަމަރުންގެ ފީޑްބެކް ފަސޭހަކަމާއެކު ލިބުމުގެ ހިތްހަމަޖެހުން އޮތްކަން އަފްރާހު ފާހަގަކުރިއެވެ.

ތަމަނު އޮއިލް ވިއްކަނީ ހަމައެކަނި އީޓުކުރި ޕްލެޓްފޯމްއިން ކަމާއި އެ ބްރޭންޑަށް އިތުރު ޕްލެޓްފޯމެއް ޚިޔާރު ކުރަން ގަސްތުނުކުރާ ކަމަށް އޭނާ ބުންޏެވެ.

އީޓުކުރި ބޭނުންކުރުމަށް އެހެން ވިޔަފާރިތަކަށް ވެސް ހިތްވަރު ދެމުން އަފްރާހު ބުނީ، އީޓުކުރީގެ ސަބަބުން ވަރަށް ހަލުވި ދުވެލީގައި އޭނާގެ ވިޔަފާރި ކުރިއެރި ކަމަށެވެ. އަދި ކޮވިޑް-19ގެ ފަހުން ކުޑަކޮށް ވިޔަފާރި ދަށްވި ނަމަވެސް މިހާރު އަނެއްކާވެސް ބާރަށް ކުރިއަރަމުން އަންނަކަން އޭނާ އުފަލާއެކު ފާހަގަކުރިއެވެ.

"ހުވަނދު މުޅި ރާއްޖެއަށް އެނގިގެން ދިޔައީ އީޓުކުރި މެދުވެރިކޮށް،" އަފްރާހު ކިޔައިދިނެވެ.

އަފްރާހު ދެކޭ ގޮތުގައި އީޓުކުރިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮންމެހެން އެނގެންޖެހޭ، އަދި ވިޔަފާރި ކުރިއަރުވަން ކޮންމެހެން ވެސް ބޭނުންކުރަން ޖެހޭ ޚިދުމަތެކެވެ.

މި ދުވަސްވަރު ރާއްޖޭގައި އޮންލައިން ވިޔަފާރި ސްޕޭމްތައް ގިނަކަމުން އޮންލައިންކޮށް ރުފިޔާގެ މުއާމަލާތު ހިންގާ ތަންތަނަށް އިތުބާރު ނުހިފޭކަން ފާހަގަކޮށް އަފްރާހު ބުނީ، އީޓުކުރި ބޭނުންކުރުމުން އެ ބިރެއް ނޯންނާނެ ކަމަށެވެ. އެގޮތުން އީޓުކުރިއަކީ މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތެއް ކަމާއި އެ ޚިދުމަތުން ވާނުވާ މީހުންނަށް އެނގިއްޖެނަމަ، ވަރަށް ގިނަ ބަޔަކު އީޓުކުރިއަށް ރެޖިސްޓާ ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނަ ވިޔަފާރިތައް އީޓުކުރިއަށް ރެޖިސްޓާވުން. ސަބަބަކީ އެކަން ވެއްޖެނަމަ، ރާއްޖޭގެ އިޤްތިސޯދު ކުރިއަރަން ވަރަށް ފަސޭހަ ވެގެންދާނެ!" އަފްރާހު ކިޔައިދިނެވެ.

comment ކޮމެންޓް