ލޯބިވެރިޔާއަށް ވަޅިން ހަމަލާ ދިން ޒުވާނަކު ހައްޔަރުކޮށްފި

ފުލުހުންތަކެއް: ލޯބިވެރިޔާއަށް ހަމަލާދިން ޒުވާނަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ

ލޯބިވެރިޔާއަށް ވަޅިން ހަމަލާ ދިނުމުގެ ތުހުމަތުގައި މާލެއިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ 26 ފަހަރަށް ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ތަހުގީގު ބަޔާނާއި ސޯކޯ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓު ވެސް ހުށަހަޅައިފައެވެ.

އެ މީހާ އަނިޔާގެ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެހެންވެ، އޭނާ އަނެއްކާ ވެސް ލޯބިވެރިޔާއަށް އަނިޔާކުރުމުގެ ފުރުސަތު އޮތުމުން، ބަންދުކުރަން ނިންމީ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާއާ ދެކޮޅަށް ޖިނާއީ ބޮޑު ދެ ދައުވާއެއް ކުރެވޭނެ ކަމަށް ދައުލަތުން ކޯޓުގައި ވަނީ ބުނެފައެވެ.

ރުޅި އައިސްގެން ޒުވާބެއް ހިނގީ ކަމަށާއި އެއްވެސް އަނިޔާއެއް ކޮށްފައިނުވާނެ ކަމަށް މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުގައި ވަނީ ބުނެފައެވެ. އަދި، ދަބަހުން ފެނުނު ވަޅިއަކީ ޑައިވިނަށް ދާތީ ގެންގުޅޭ ވަޅިއެއް ކަމަށް ވެސް އޭނާ ކޯޓުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް