ޤުރުއާނާ ބެހޭ ޒަމާނީ އާ މަރުކަޒެއް ތަރައްގީކޮށް، ހިލޭ ކިޔެވޭ ޤުރުއާން ކުލާސްތައް އިތުރުކުރަނީ

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވިި ހަފްލާގެ ތެރެއިން --

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤުރުއާނާ ބެހޭ ޤައުމީ އާ މަރުކަޒެއްގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފައެވެ.

ރައީސް މި ކަން އިއުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ހަފްލާގައި ވާހަަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރާއްޖޭގައި ތަރައްގީކުރާ މި ފަަދަ ފުރަތަމަ މަރުކަޒަށް ވާނެ ކަމަށެވެ.

"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ވެސް ޙަޤީޤަތަކަށް ހަދާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނުވަނީ ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރުކޮށް މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރާނެކަމަށް ވިދާޅުވެފައެެވެ.

ރައީސް ވިދާޅުވީ މިއީ ސަރުކާރުން ޤުރުއާން މަތިވެރިކޮށް، ދިވެހީންގެ މެދުގައި ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.

އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މި ވަގުތު ހުރި އަޚްލާޤީ ހުރިހައި މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރްއާންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޖެހެނީ އެ ފޮތަށް އެނބުރިދާން ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާން ކަމުގައިވުން އެއީ ދިވެހީންނަށް ދިވެހި ރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް،" ރައީސް ވިދާޅުވިއެވެ.

ހެންކަމުން ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް