މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރި ގަނޑެއް ރޭ ދަންވަރު ބަޔަކު ތަޅާލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކޭއެފްސީގެ ބިއްލޫރި ގަނޑެއް ތަޅާލާފައިވާ މައްސަލައެއް ރޭ ދަންވަރު 3:06 ހާއިރު އެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިގޮތުން، ތަޅާފައިވަނީ އަމީނީ މަގުގައި ހިންގަމުންދާ ކޭއެފްސީ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުން އަންނައިރު، ގާކޮށި ފްލެޓްގެ އެތެރެއަށްވާ ގޮތަށް ހުންނަ ދޮރުގެ ބިއްލޫރި ގަނޑު ތަޅާލަފައިވާ މަންޒަރު ފެނެއެވެ. ވީޑިއޯއިން ފެންނަ ބިއްލޫރިގަނޑަށް ބަލާއިރު، ބެލެވޭ ގޮތުގައި އެތަން ތަޅާލައިފައި ވަނީ އެއްޗެއް އެއްލައިގެނެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅިގެން، އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެ ގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ދޭތެރެއަކުން ކުރިއަށް ގެންދެއެވެ. އަދި، އެތަނުން ވިޔަފާރި ނުކުރުމަށް ގޮވާލައި، ދޭތެރެއަކުން މުޒާހަރާ ވެސް ކުރެއެވެ. އެގޮތުން މީގެ ކުރިން ވަނީ ކޭއެފްސީ ކައިރި ގިނަ މުޒާހަރާތަކެއް ކޮށްފައެވެ. އަދި ކޭއެފްސީއާ ޖެހިގެން ހިންގަމުން އަންނަ ޕިއްޒާ ހަޓަށް ކަޅުތެޔޮ ވެސް ޖަހައިވެއެވެ.