ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަތަރު ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެއްގަމު އުޅަނދު ހަދިޔާކޮށްފިއެވެ.
މިއަދު ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކުރާ އެއްގަމު އުޅަނދު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން ވަނީ ހަދިޔާކޮށްފައެވެ.
މި އުޅަނދުތަކުގެ އަގު ހަތަރު މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ނުވަތަ 61 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ ޖަޕާނުގެ 650 މިލިއަން ޔާންގެ އަގުހުރި އެއްގަމު އުޅަނދެވެ.
ޖަޕާނު ސަރުކާރުން ފުލުހުންގެ ޚިދުމަތަށް ހަދިޔާކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި އެހީގެ ސަބަބުން އެކަށީގެންވާ ސާމާނާއެކު ރަށްތަކުގައި ސުލްހައާއި އަމާންކަން ދެމެހެއްޓުމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
މީގެެއިތުރުން ރާއްޖޭގައި މިހާރު ކުށްކުރާ މިީހުން އިތުރުވަމުންދާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ފުލުހުންގެ ގާބިލްކަން އިތުރުކުރުން މުހިއްމުކަމަށެވެ.
ހަމަމިއާއެކު، ފުލުހުންނަށް އެކަށީގެންވާ ވަސީލަތްތައް ހޯދުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެެވެ.
ޝުޖާއު ވިދާޅުވީ މި ދީލަތި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އެކަމަށް ޓަކައި ޝުޖާއު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަމުގައި ޖަޕާނުގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއޯޗީ މިޑޯރީ ވިދާޅުވީ މި އުޅަނދުތަކަކީ އެކި އޮޕަރޭޝަންތަކުގައި އޮފިސަރުންނަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ޖަޕާނުގެ ސަރުކާރުން ހަދިޔާކުރި އުޅަނދުތަކެއް ކަމަށެވެ.
ވަށައިގެންވާ މާހައުލު ދުވަހުން ދުވަހަށް ބާރުބޮޑުވަމުންދާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ އެފެކްޓިވް ޕޮލިސިން ނިޒާމެއް ގާއިމުކުރުން މުހިއްމު ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ހަދިޔާކުރި އުޅަނދުތަކަކީ ޖަޕާނުގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީތެރިވުމަށް އެ ސަރުކާރުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
ސަފީރު ވިދާޅުވީ އުޅަނދުތަކުގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މެޓަލް ޑިޓެކްޓަރާއި، ލޭޒަރާއި، ޕެސެންޖާ ކްރާފްޓާއި، ރަބާ ބޯޓު ފަދަ އިތުރު ވަސީލަތްތައް ވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކުރާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
މީގެ ކުރިން ވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީތެރިވަމުން އަންނަ ގައުމެކެވެ.