ޓްރަމްޕަށް ހަމަލާދިނީ 20 އަހަރުގެ ޒުވާނެއް

ޓްރަމްޕަށް ހަމަލާ ދިން މީހާ ވެއްޓިފައި: އެފްބީއައިއިން ވަނީ ހަމަލާ ދިނީ 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށް ބުނެފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލީ 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށް އެ ގައުމުގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ބުނެފިއެވެ.

އެފްބީއައިއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޕެންސިލްވޭނިއާ ސްޓޭޓުގެ ބަޓްލާގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ޓްރަމްޕަށް ހަމަލާދިނީ އެ ސްޓޭޓަށް ނިސްބަތްވާ، ތޯމަސް މެތިއު ކްރުކްސް ކިޔާ މީހެކެވެ.

ކްރުކްސް ދިރިއުޅެނީ، ކެމްޕެއިން ރެލީ ބޭއްވި ބަޓްލާއާ 43 މޭލު ދުރުގައި އޮންނަ އަވަށެއްގައިކަން ހާމަކޮށް، އެފްބީއައިއިން ވަނީ ހަމަލާއާ ގުޅުންހުރި ފޮޓޯއާއި ވީޑިއޯ އެ ބިއުރޯއާ ހިއްސާކުރުމަށް އެދިފައެވެ.

ޓްރަމްޕް ޒަޚަމްވެފައި: ވަޒަން އެރީ ކަނާތްފަރާތު ކަންފަތަށް -- ފޮޓޯ/ އޭޕީ

އެ ހަމަލާ ދިން ވަގުތު ސީކްރެޓް ސާވިސްއިން ވަނީ އޭނާއަށް ހަމަލާދީ މަރައިލައިފައެވެ. ނަމަވެސް އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް އޭނާގެ އަތުގައި ނެތް ކަމަށާއި އެއީ ކާކުކަން ދެނެގަންނަން ޑީއެންއޭއާއި ބަޔޮމެޓްރިކްސް ޓެސްޓުތައް ހެދި ކަމަށް އެފްބީއައިއިން ބުންޏެވެ.

ޓްރަމްޕްއަށް ހަމަލާ ދިނީ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަން ފެއްޓެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ބަޑީގެ އަޑުފައްގަނޑާއެކު ޓްރަމަޕް ކަންފަތުގައި އަތް އަޅުއްވައި، ޕޯޑިއަމް ކައިރިއަށް ތިރިވެވަޑައިގަތް މަންޒަރު އެ ހާދިސާގެ ވީޑިއޯތަކުން ފެނެއެވެ. އަދި ސީކްރެޓް ސާވިސްއިން ޓްރަމްޕް ވަށައިލައި، އުޅަނދަށް ގެންދިޔަ ވަގުތު ޓްރަމްޕްގެ މޫނުމަތިން ލޭ ފެނިފައިވެއެވެ.

ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް'ގައި ވަނީ ވަޒަން އެރީ ކަނާތްފަރާތު ކަންފަތަށް ކަމަށާއި ވަރަށް ގިނައިން ލޭ ފޭބި ކަމަށް ވިދާޅުވެފައެވެ. އެ ހަމަލާގައި ސަޕޯޓަރަކު މަރުވެފައިވާތީ އޭނާގެ އާއިލާއަށް ޓްރަމްޕް ތައުޒިޔާ ވިދާޅުވިއެވެ.

އަންނަ ނޮވެމްބަރު މަހު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބަށް ޓްރަމްޕްގެ އިތުރުން ރައީސް ޖޯ ބައިޑެން ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

comment ކޮމެންޓް