ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އާޖެންޓީނާއިން ކަނޑައަޅައިފި

ހަމާސް ޖަމާއަތް އުފެދުނުތާ 35 އަހަރު ފުރުމުގެ މުނާސަބަތުގައި، ޣައްޒާ ސިޓީގައި ބޭއްވި ހަފްލާއެއްގައި އަލް ގައްސާމް ބްރިގޭޑްސްގެ ކުއާގެ މެމްބަރުން -- ފޮޓޯ/އިންގްލިޝް އަރަބިއާ

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތަކީ ބައިނަލްއަޤުވާމީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އާޖެންޓީނާއިން ކަނޑައަޅައިފިއެވެ.

"ހަމާސް ޖަމާއަތަކީ ބައިނަލްއަޤުވާމީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އާޖެންޓީނާގެ ދައުލަތުން ކަނޑައަޅާފައިވާ ޖަމާއަތެއް," އާޖެންޓީނާގެ ރައީސް ހާވިއާ މިލޭގެ އޮފީހުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ގާތް އެކުވެރިއެއްގެ ކަމަށްވާ މިލޭއަކީ ޓެރަރިސްޓުންނަކީ ކޮން ބައެއްކަން ކަނޑައަޅަން ފަސް ނުޖެހޭނެ ބޭފުޅެއް ކަމަށެވެ.

ވިލާތުގެ އިއްތިހާދާއި އެމެރިކާއިން ވެސް ވަނީ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައެވެ.

މިލޭ ވަނީ ފެބްރުއަރީ މަހު އިސްރާއީލަށް ޒިޔާރަތް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި އާޖެންޓީނާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ރާވާފައިވާކަން އިއުލާންކުރެއްވިއެވެ.

ލެޓިން އެމެރިކާގެ އެންމެ ބޮޑު ޔަހޫދީ ޖަމާއަތް އޮންނަނީ އާޖެންޓީނާގައެވެ. އެ ޖަމާއަތުގައި ގާތްގަނޑަކަށް 300،000 މެންބަރުން އެބަތިއްބެވެ. އާޖެންޓީނާއަކީ މެދުއިރުމަތިން ލުބުނާނާއި ސޫރިއާއިން ހިޖުރަކޮށްފައިވާ ގިނަ ބަޔަކު ވެސް ދިރިއުޅޭ ގައުމެކެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 38،345 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް