ފުޓުބޯޅަ މެޗަކަށްފަހު ކުއްލިއަކަށް ހާލު ދެރަވެ މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަވަހާރަވެއްޖެ

މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ރަމީޒު: އޭނާ ވަނީ ކުއްލި ގޮތަކަށް މިރޭ ނިޔާވެފައި -- ފޮޓޯ/ މާރަންދޫ ކައުންސިލް

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ރަމީޒު ކުއްލި ގޮތަކަށް މިރޭ އަވަހާރަވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން މާރަންދޫ ކައުންސިލްގެ މެންބަރު ޙުސައިން އާދަމް ވިދާޅުވީ ރަމީޒު އަވަހަރާވީ ކުއްލި ގޮތަކަށް ކަމަށެވެ.

އެ ގޮތުން މިއަދު ހަވީރު ހއ. މާރަންދުއާއި ހދ. ނެއްލައިދޫ ޒުވާނުންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްގައި ވެސް ރަމީޒު ކުޅުނެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މާ ބޮޑަށް ވަރުބަލިވާތީ، އޭނާ އިންނެވީ ބެންޗުގައެވެ.

އެ މެޗަށް ފަހު އޭނާ ހޮޑުލައި ހެދި ކަމަށް ޙުސައިން އާދަމް ވިދާޅުވިއެވެ. އަދި އެއަށް ފަހު ރަމީޒުގެ ހާލު ދެރަވެ، އޭނާ ރަށު ސިއްހީ މަރުޒަކަށް ގެންދިޔަ ކަމަށާއި، އިތުރު ވަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަމީޒު އަވަހާރަވީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް މިރޭ ކަމަށެވެ.

ރަމީޒަކީ މާރަންދޫ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރެކެވެ. އުމުރުން 40 އަހަރާ ގާތްވެފައިވަނިކޮށް އޭނާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ތިން ދަރިން ވެސް ތިއްބަވައެވެ.

comment ކޮމެންޓް