ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި- އިލެކްޝަންގައި 285 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އަބްދުލްހަމީދު އަބްދުއްސައްތާރު ގޮނޑި ކާމިޔާބު ކުރެއްވުމާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިޚާބު ކާމިޔާބުކުރެއްވުމުން އަބްދުއްސައްތާރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކާމިޔާބީ ހޯދުމަށް މަސައްކަތްކުރި އެންމެންނަށާއި ވޯޓުގައި ބައިވެރިވީ ރައްޔިތުންނަށް ވަނީ ޝުކުރު އަދައިކުރައްވައިފައެވެ.
މި އިންތިޚާބު ބާއްވާފައި ވަނީ، ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ރަމީޒު ކުއްލި ގޮތަކަށް ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހުސްވެފައިވާ އެ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބުކުރުމަށް މިއަދު ހެނދުނު 08:00 ގައި ފެށި އިންތިޚާބުގެ ވޯޓު ފޮށިތައް ބަންދުކޮށްފައި ވަނީ މިއަދު ހަވީރު 16:00ގައެވެ.
މި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަކީ:
- ޝިހާމް މުހައްމަދު - އެމްޑީޕީ
- އަބްދުލްހަމީދު އަބްދުއްސައްތާރު - ޕީއެންސީ
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިން 98 ވޯޓާއެކު ކުރި ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 90 ވޯޓެވެ. އަދި ފަސް ވޯޓު ވަނީ ބާތިލުވެފައެވެ.
މާރަންދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިން ވެސް ކުރި ހޯދާފައި ވަނީ 187 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 160 ވޯޓެވެ.
މިހާރު މާރަންދޫ ކައުންސިލްގައި ހިމެނޭނީ ޕީއެންސީ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީގެ ތިން ކައުންސިލަރުންނާއި އަމިއްލަ ގޮތުން ހޮވިފައިވާ ކައުންސިލްގެ ރައީސެވެ.