އެމެރިކާ ލަނޑުދޭތީ، ހަތިޔާރުގެ ޓެކްނޮލޮޖީގައި އެމެރިކާއަށް ބަރޯސާވުން، ތުރުކީ ހުއްޓާލަނީ

ތުރުކީ އަމިއްލައަށް އުފެއްދި ފައިޓާޖެޓް "ކާން"

އަންކަރާ (13 ޖުލައި 2024) : ހަތިޔާރުގެ ޓެކްނޮލޮޖީގައި އެމެރިކާއަށް ބަރޯސާވުން ދެން ނިމުނީކަމަށް ބުނެ އެމެރިކާގެ އެފް-16 މަރުކާގެ ފައިޓާޖެޓް ގަތުމަށް ތުރުކީ ދީފައިވާ 23 ބިލިޔަން ޑޮލަރު އަނބުރައި ދިނުމަށް ތުރުކީ ސަރުކާރުން އެމެރިކާގެ ކިބައިން އެދިއްޖެއެވެ.

ތުރުކީގެ އަސްކަރިއްޔާ އާ ހަވާލާދީ އެގައުމުގެ މީޑިއާ އެއްކަމަށްވާ ޓީއާރުޓީ (ބްރޯޑްކާސްޓިން އެންޑް މީޑީއާ ޕްރޮޑަކްޝަން ކޮންޕެނީ) ބުނާގޮތުން ހަތިޔާރުގެ ޓެކްނޮލޮޖީގައި ތުރުކީއާމެދު އެމެރިކާ އަމަލުކުރާ އިހާނާތްތެރި ގޮތްތަކުގެ ސަބަބުން ހަތިޔާރުގެ ޓެކްނޮލޮޖީގައި އެމެރިކާއަށް ބަރޯސާވުން ނިމުމަކަށް ގެނަސް ތުރުކީ އަމިއްލައަށް ހަތިޔާރު ތަރައްގީކުރުމުގެ ހުރިހާ އިންފްރާސްޓްރަކްޗަރެއް ގާއިމްކުރުމަށް ނިންމައި އެ ގައުމުވަނީ އެކަމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ޓީއާރުޓީ ބުނާގޮތުން އެމެރިކާގެ އެފް-16 މަރުކާގެ ފައިޓާޖެޓް ގަތުމަށް ތުރުކީން އެމެރިކާއަށް ދީފައިވާ 23 ބިލިޔަން ޑޮލަރު އަނބުރައި ދިނުމަށާ އެފައިސާ ނުދީފިނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރެއް ތުރުކީގެ ދިފާއީ ވުޒާރާއިން ވަނީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއަށް ދީފައެވެ.

ތުރުކީއަކީ އެމެރިކާގެ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ އެފް-35 މަރުކާގެ ފައިޓާޖެޓް މަޝްރޫއުގެ ވެސް ބައިވެރިއެކެވެ. ނަމަވެސް 2019 ވަނަ އަހަރު އެމެރިކާވަނީ މިމަޝްރޫއުން ތުރުކީ ބޭރުކޮށްލާފައެވެ.

މިމަޝްރޫއުން ތުރުކީ ބޭރުކޮށްލީ އެމެރިކާގެ ނުރުހޭގޮތަށް ތުރުކީން ރަޝިއާ ގާތްވުމުންނެވެ. އަދި ރަޝިއާގައި އުފައްދާ އެންޓި ޑިފެންސް ނިޒާމެއްކަމަށްވާ އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ތުރުކީ ގަތުމުންނެވެ.

މި މައްސަލާގައި ތުރުކީ އެމެރިކާ ދެކެ ރުޅިއައިސްފައިވަނިކޮށް އެމެރިކާވަނީ ތުރުކީއަށް އިތުުރު ލަނޑެއް ދީފައެވެ. އެއީ އެފް- 16 މަރުކާގެ 40 ފައިޓާ ޖެޓް ގަތުމަށް 2021 ވަނަ އަހަރު ތުރުކީއާއި އެމެރިކާ ސޮއިކުރި 23 ބިލިއަން ޑޮލަރުގެ އެއްބަސްވުމާ ޚިލާފުވެ މި ފައިޓާޖެޓްތައް ވެސް އަދި އެ ތަކެތި ގަތުމަށް ދިން 23 ބިލިޔަން ޑޮލަރު ވެސް އަނބުރައި ތުރުކީއަށް ދިނުމަށް ފަސްޖެހިފައެވެ.

ތުރުކީގެ ދިފާއީ ވުޒާރާގެ ބަޔާން ބުނާގޮތުން ހަތިޔާރުގެ ޓެކްނޮލޮޖީގައި އެމެރިކާއަށް ބަރޯސާވުން ނިމުމަކަށް ގެންނަން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނިންމެވީ މިކަމުގެ ސަބަބުންނެވެ. އެމެރިކާ ތަކުރާރުކޮށް ތުރުކީއަށް މަކަރު ހަދައި އޮޅުވާލާތީއެވެ.

އެމެރިކާ ނޫންގައުމަކާ ހަތިޔާރުގެ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ތުރުކީ ގުޅެން އެމެރިކާ ބޭނުމެއް ނުވެއެވެ. އަދި އެމެރިކާގެ ހަތިޔާރު ފިޔަވައި އެމެރިކާއާ ވާދަވެރި ގައުމަކުން ހަތިޔާރު ގަތުމަކީވެސް އެމެރިކާގެ ގާނޫނުތައް ބުނާގޮތުން މިހާރު އެގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނެކަމެކެވެ.

މިއީ އެމެރިކާއަށް ބަރޯސާވުމަށް އެމެރިކާ ތުރުކީއަށް މަޖުބޫރުކުރުންކަމަށްވާތީ އުރުދުޣާންވަނީ ކޮންމެ ގޮތެއްވިޔަސް އެމެރކާ ދައްކާ މިބާވަތުގެ ބިރުތަކަށް ބޯނުލެބުމަށް ނިންމަވާފައެވެ.

ތުރުކީ މިހާރު ގެންދަނީ އީރާންއެކޭ އެއްގޮތަށް އަމިއްލަ ނަފްސަށް ބަރޯސާވެ އަސްކަރީ ސިނާއަތު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިން ތުރުކީ މާބޮޑަށް އަޅާލާފައިނުވާ ދެ ދާއިރާކަމަށްވާ ފަޒާގެ ދާއިރާއާއި ނިއުކްލިޔާ ޓެކްނޮލޮޖީގެ ދާއިރާއަށް ވެސް މިހާރު ތުރުކީވަނީ ސަމާލުކަން ދީފައެވެ. މި ދެ ދާއިރާގައި ވަރަށް ބޮޑަށް އިންވެސްޓްކޮށް އެދެ ދާއިރާ ތަރައްގީ ކުރުމަށް ތުރުކީވަނީ މަސައްކަތް ފަށާފައެވެ.

ނިއުކްލިޔާ ޓެކްނޮލޮޖީގެ ދާއިރާ ތަރައްގީ ކުރުމުގައި އެދާއިރާގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭގައުމު ކަމަށްވާ ރަޝިއާގެ އެހީތެރިކަން ތުރުކީ ހޯދާކަމަށްވެއެވެ. މިއީ ވެސް އެމެރިކާ ރުޅިއަންނަ ކަމެކެވެ. ތުރުކީ ވަނީ އެގައުމުގެ ފުރަތަމަ ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް މީގެ ތިން އަހަރު ކުރިން ފަށާފައެވެ.

ފަޒާގެ ދާއިރާއަށް ބަލާއިރު ތުރުކީވަނީ އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް އުފެއްދުމުގައި ކާމިޔާބު ހޯދާފައެވެ. ނަމަވެސް ތުރުކީގެ އަވަށްޓެރި އީރާން ތަރައްގީކޮށްފައިވާގޮތަށް އަމިއްލަ ރޮކެޓްގައި ސެޓަލައިޓް ފަޒާއަށް ފޮނުވުމުގެ ގާބިލުކަން އަދި ތުރުކީއަށް ހޯދިފައެއް ނުވެއެވެ.

ނަމަވެސް އަމިއްލަ ޓެކްނޮލޮޖީގައި ތުުރުކީ ވަނީ "ކާން" ގެ ނަމުގައި އަމިއްލަ ފައިޓާޖެޓް އެއް އުފައްދައި އެޖެޓް ކާމިޔާބުކަމާއެކު ތަޖުރިބާކޮށް އަދި އޭގެ އެއާވާދިނަސް ޓެސްޓްތައް ވެސް ހަދާފައެވެ. ތުރުކީގެ އަވަށްޓެރި އީރާން ވެސް ގެންދަނީ އަމިއްލަ ޓެކްނޮލޮޖީގައި ފައިޓާޖެޓް އުފައްދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި އީރާނަށް މިކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނަމަވެސް ތުރުކީގެ މިޑިއާ ބުނާގޮތުން ފަޒާއަށް ސެޓަލައިޓް ފޮނުވުމަށް ބޭނުންކުރާ ރޮކެޓް އުފެއްދުމުގެ ރިސާޗްތައް އެގައުމުގައި ވަރަށް ފުޅާދާއިރާގައި ކުރަމުން އެބަގެންދެއެވެ.

ތުރުކީ އެމެރިކާއަށް އިންޒާރު ދީފައިވާގޮތުން އެފް- 16 ގެ 40 ފައިޓާ ޖެޓް ގަތުމަށް އެމެރިކާއަށް ދީފައިވާ 23 ބިލިޔަން ޑޮލަރު ނުދީފިނަމަ ބައެއްކަންކަމުގައި އެމެރިކާއަށް އަސްކަރީ އެއްބާރުލުން ދިނުން ތުރުކީން ކުޑަކޮށްލާނެއެވެ.

އަދި އެމެރިކާއާއެކު ކުރާ ބައެއް ވިޔަފާރީގެ މުއާމަލާތްތައް ވެސް ހުއްޓުމަކަށް ގެނަސް އެމެރިކާ ނޫން ގައުމުތައް އެ މުއާމަލާތްތައް ކުރަން ފަށާނެއެވެ. އަދި ނޭޓޯގެ ތެރެއިން ދޭންޖެހޭ އަސްކަރީ އެއްބާރުލުންތައް ފިޔަވައި އެ ނޫން އަސްކަރީ އެއްބާރުލުން އެމެރިކާއަށް ދިނުން ހުއްޓާލުމާމެދު ވެސް ދެވަނަ ވިސްނުމަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ތުރުކީވަނީ ދީފައެވެ.

ދާދިފަހުން ތުރުކީވަނީ ރަޝިއާއާއި ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ "ބްރިކްސް" ޖަމާއަތުގެ މެންބަރުކަމަށް އެދި ހުށަހަޅާފައެވެ. އަދި ރަޝިއާއާއި ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަމަނާބެހޭ ޖަމާއަތްކަމަށްވާ "ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން" ގެ އެންމެ ފަހުގެ ސަމިޓްގައި ތުރުކީވަނީ އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. މިއީ ތުރުކީން އެމެރިކާއަށް ދިން ވަރުގަދަ މެސެޖެކެވެ.

ތުރުކީގެ މި ފިޔަވަޅުތަކާ މެދު އެމެރިކާވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެމެރިކާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ޑޮލަރާ ނުލައި ޗައިނާއާއި ރަޝިއާ ބިނާކުރަމުންގެންދާ އައު މާލީ ނިޒާމުގައި ބައިވެރިވުމާ ދިމާއަށް ތުރުކީ ދާތީއެވެ.

ޑޮލަރުން ކުރާ މުއާމަލާތްތައް މަދަވުމަކީ އެމެރިކާގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ކުރާނެކަކަމަށްވާއިރު ޑޮލަރު ނޫން ފައިސާއިން މުއާމަލާތްކުރުމަށް ޗައިނާއާއި ރަޝިއާ ބިނާކުރަމުންގެންދާ ނިޒާމު ދުނިޔޭގެ ފެންވަރުގައި ފުޅާވެއްޖެނަމަ އެނިޒާމު ކާމިޔާބު ވާނެއެވެ.

މިއީ އެމެރިކާގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި އެމެރިކާގެ މާލީ ބާރު ކުޑަވެގެންދާނެ ކަމެއްކަން އެމެރިކާއަށް އެނގެއެވެ.

ތުރުކީ ބުނާގޮތުން ނޭޓޯގެ މެންބަރުކަން ސްވިޑްން އަށް ދިނުމަށް ތުރުކީގެ ރުހުން އެމެރިކާ ހޯދީ ވެސް އެފް-16 ގެ ޖެޓްތައް ގަތުމަށް ތުރުކީން ދީފައިވާ 23 ބިލިޔަން ޑޮލަރު އަނބުރައި ދޭނެކަމުގެ ގެރެންޓީ އެމެރިކާ ދިނުމުންނެވެ. ނަމަވެސް މިކަމުގައި ވެސް އެމެރިކާ ތުރުކީއަށް ދިނީ ލަނޑެކެވެ.

ނޭޓޯގެ މެންބަރުކަން ސްވިޑްން އަށް ދިނުމަށް ތުރުކީގެ ރުހުން ހޯދުމަށްފަހު އެމެރިކާ ވަނީ ތުރުކީއަށް އެ 23 ބިލިޔަން ޑޮލަރު އަނބުރައި ދިނުމަށް ފަސްޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު