ދޭތެރެ ދޭތެރެއިން ބޭސް ހުސްވާ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ރާއްޖެއަށް އާއްމުކޮށް ނުލިބޭ ބޭސްތައް ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ދަށުން ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)އިން ރޭ ބުނެފިއެވެ.
ރޭ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރި ހިއްސާދާރުން ވަނީ ދޭތެރެ ދޭތެރެއިން ބޭސް ލިބުމުގައި ދަތިތައް ދިމާވާކަން ފާހަގަކޮށްފައެވެ. އަދި މިފަހުން ވެސް އެ މައްސަަލަ ދިމާވިކަން ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ހިއްސާދާރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ބޭސްތައް އެތެރެކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭތޯ ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝިމާދު ވިދާޅުވީ މި ފަހުން އެ ކުންފުނީގެ ސޮފްޓްވެއާ އާކުރުމުން ބޭސް ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އެއީ ދާއިމީ ދަތިތަކަކަށް ނުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ އަރުވާފައެވެ.
ހަމައެއާއެކު ރާއްޖެއަށް އާއްމުކޮށް ނުލިބޭ ބޭހާއި، އާއްމުކޮށް ލިބޭ ބޭސް އެތެރެކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު ޔޫއެންޑީޕީން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައި ކަަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ވާގޮތަކީ އާބާދީ ކުޑަވީމަ ފާމަސީތަކުންނާއި މިހުންނަ ޚާއްސަ ޑިސްޓްރިބިއުޝަންތަކުން މިނިމަމް އޯޑާ ކުއެންޓިޓީއަށް ބޭސް ނުލިބެނީ. އެކަމަށް ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާއި ޔޫއެންޑީޕީން މިހާރު ވަނީ އެއްބަސްވުމަކަށް އައިސް. ހެލްތު ޕްރޮކިއުމަންޓްގެ ދަށުން ޔޫއެންޑީޕީން އެ ބޭސްތައް ގެންނަ ގޮތަށް މިހާރު އޮތީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މި ބޭސްތައް އާސަންދަ ޕޯޓަލްގެ ދަށުން ޑޮކްޓަރުން ލިޔެދޭން ފެށީމާ އެކަމަށް ވެސް ހައްލެއް ލިބިގެންދާނެހެން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
ޝިމާދު ވިދާޅުވީ ދޭތެރެއަކުން ބޭސް ހުސްވާތީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން އޮންނަކަން ފާހަގަވާ ކަމަށެވެ. އަދި އެކަމުގައި ކުންފުނީގެ ފަރާތުން ހައްލުކުރަންހުރި ކަންކަން ހައްލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އާސަންދައިގެ ދަށުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭހަށެވެ. އެގޮތުން އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށްކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.
އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގަކީ 75-15 ބޮޑު އަގުތަކެވެ.